logoEN
WAMCO TOP 1
މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލުން ޓްރެފިކް ޕޮލިހުގެ އިސްވެރިންނާއި މަޝްވަރާކޮށްފި

މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލުން ޓްރެފިކް ޕޮލިހުގެ އިސްވެރިންނާއި މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

6/14/2026, 2:40:38 PM

# މާލެ ސިޓީ ކައުންސިލް

-

މާލެ ސިޓީއަށް ދިމާވެފައިވާ ޓްރެފިކްގެ ބޮޑެތި މައްސަލަތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް (ޓްރެފިކް ޕޮލިސް) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި، މާލެ ސިޓީގެ މޭޔަރގެ އިތުރުން ޑެޕިއުޓީ މޭޔަރ މީކާއިލް މުޙައްމަދު ރިޔާޟް އަދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ ވެރިޔާ ޝަމްހޫޒާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފުލުހުންގެ އިދާރާއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލޭގެ މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނެވެ. އެގޮތުން މާލޭގެ ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވާ ހުރަސްތަކާއި، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރެވޭނެ ގޮތްތަކުގެ އިތުރުން، ޕާކިންގ މައްސަލައާއި މަގުމަތީގެ ޤަވާއިދުތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލައަކީ މިއަދު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާއިރު، މިކަން ޙައްލުކުރުމަށް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ލިބޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ޓްރެފިކް މައްސަލަތަކަށް ބިނާކޮށް، ކައުންސިލާ ގުޅިގެން ކުރެވިދާނެ ކަންކަމުގެ ފުރިހަމަ ޕްރޮޕޯޒަލްއެއް ކައުންސިލަށް ހުށަހެޅުމަށް މޭޔަރ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި އެ ޕްރޮޕޯޒަލްއަށް ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގައި މަޝްވަރާކޮށް، ހުރިހާ ކައުންސިލަރުންގެ އެހީތެރިކަމާއެކު މި ހިނގާ ދައުރުގެ ތެރޭގައި މަގުމަތީގެ ނިޒާމަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން މޭޔަރ ދެއްވިއެވެ.

މާލޭގެ ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އެކި ބޭނުންތަކަށް މާލެ ޒިޔާރަތްކުރާ ކޮންމެ މީހަކަށްމެ އޭގެ އުނދަގޫ އިންތިހާއަށް ފޯރަމުންދާ ކަމެކެވެ. މި މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯއްދަވައިދެއްވުމަށް މޭޔަރ ޢާޒިމް ގެންދަވަނީ ސަރުކާރުގެ ކަމާބެހޭ އެކި ވުޒާރާތަކާއި މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ނިމިދިޔަ ދައުރުގައިވެސް މޭޔަރގެ އިރުޝާދުގެ ދަށުން މާލެއަށް އެންމެ ގިނަވެގެން އެތެރެކުރެވޭނެ އުޅަނދުގެ ޢަދަދު ދެނެގަތުމުގެ ޚާއްޞަ ދިރާސާއެއް ކުރިއަށްދިޔުމުގެ އިތުރުން، މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިންގ ޒޯންތައް ހަދައި، ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް މަގުމަތި ފަސޭހަކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ކޮމެންޓް
ފަހުގެ
HDC