.webp&w=3840&q=75)
މޭޔަރު އާޒިމް އެދިވަޑައިގަތީ ލޭ ހަދިޔާކުރެވެން އޮތް ކޮންމެ ފަރުދަކުވެސް ލޭ ހަދިޔާކުރުމަށް!
# މާލެ ސިޓީ ކައުންސިލް-
ލެޔަކީ އިންސާނަކު ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ އެއް މާއްދާ ކަމަށް ވާތީ، ލޭ ދެވެން އޮތް ކޮންމެ ފަރުދަކު ވެސް ލޭ ހަދިޔާކުރުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

މޭޔަރ މި ކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާންގެ އަމިއްލަފުޅު އެކްސް (X) އެކައުންޓުގައި ޝާއިޢު ކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަހަކީ ވަރަށް ގިނަ ގޮތްގޮތުން ދިވެހިރާއްޖެއަށް މުހިއްމު ދުވަހެއް ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެއަކީ، އާބާދީގެ ނިސްބަތުން ލޭ އަޅާ ބަލި، ނުވަތަ ތެލެސީމިޔާ ހުރި ކުދިން ނިސްބަތުން ވަރަށް ގިނަ ޤައުމަކަށް ވުން ކަމުގައި މޭޔަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ދިވެހި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ ސަމާލުކަން ބޭނުންވާ ވަރަށް މުހިންމު ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ލޭ ހޯދުމަށްޓަކައި ތެލެސީމިޔާ ކުދިންގެ ބެލެނިވެރިން ކޮންމެ ދުވަހަކު އުފުލަމުންދާ ބޮޑެތި ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، ތެލެސީމިޔާ ހުރި ކުއްޖެއްގެ ބެލެނިވެރިއަކު، ދަރިފުޅުގެ ދިރިހުރުމަށް ޓަކައި ލޭހޯދަން ކުރާ މަސައްކަތާއި އެކަމަށް ޓަކައި އުފުލާ ތަކުލީފާއި އެކަމާމެދު ފިކުރުކޮށް ހިތުގައި އަޅާ ވޭނަކީ، އެ ކަން އަމިއްލައަށް ތަޙައްމަލް ނުކުރާ މީހަކަށް އެއްވެސް ގޮތަކަށް ތަޞައްވުރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، ލޭ ބޭނުންވެގެން ކޮންމެ ދުވަހަކު އާދޭސް ކުރަމުންދާ ލޮބުވެތި ރައްޔިތުންނާއި ކުދިންގެ ކެކުޅުމާއި ވޭނަށް ކުޑަނަމަވެސް ލުޔެއް ދިނުމަށް އެހީތެރިވުމަށް އެންމެހާ ދިވެހިން ކުރިއަށް ނިކުންނަންޖެހެއެވެ. މި ބޮޑު އިންސާނީ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި އެޙުސާންތެރިކަމާއެކު އިޖާބަދީ، ލޭ ހަދިޔާކުރުމުގެ އާދަ އަށަގަންނުވައި، ގަވާއިދުން ލޭ ހަދިޔާކުރުމަށް މޭޔަރ އާދަމް ޢާޒިމް ވަނީ ހުރިހައި ރައްޔިތުންގެ ކިބައިން ނުހަނު އަސަރާއެކު އެދިވަޑައިގެންފައެވެ.
ގުޅުންހުރި

މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލުން ޓްރެފިކް ޕޮލިހުގެ އިސްވެރިންނާއި މަޝްވަރާކޮށްފި
.webp&w=3840&q=75)
މޭޔަރު އާޒިމް އެދިވަޑައިގަތީ ލޭ ހަދިޔާކުރެވެން އޮތް ކޮންމެ ފަރުދަކުވެސް ލޭ ހަދިޔާކުރުމަށް!

މަސްޖިދުލް ސުލްޠާނުލް ޢާދިލްގެ ސައުންޑް ކޭބަލް ވަގަށް ނަގައިފި: ފަތިސް ނަމާދު ކުރީ މައިކާ ނުލައި!




