
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޞާދިޤު މަޤާމުގެ ހުވާ ކުރައްވައިފި
# ރައްޔިތުންގެ މަޖިލިސް-
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިގު (ސޯބޭ)، މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޞާދިގަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ޞާދިގު ވަނީ މަޖިލިސް މެންބަރުންގެ އިޤުރާރުގައި ރަސްމީކޮށް ސޮއިކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކުއްލި ގޮތަކަށް ހުސްވީ، 2024 ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި އަޙްމަދު ސިނާންގެ މާލީ ސާބިތު ދަރަންޏެއް އޮތްކަން ކޯޓަށް ސާބިތުވެ، އޭނާގެ މެންބަރުކަމުގެ ޝަރުޠު ގެއްލުމާ ގުޅިގެން ކުރި ހުކުމަކުންނެވެ. މި މަހުގެ 6 ވަނަ ދުވަހު ބޭއްވުނު އެ ދާއިރާގެ ފޯރިގަދަ ބައި-އިލެކްޝަން ޞާދިގު ކާމިޔާބު ކުރެއްވީ ޖުމްލަ 1،375 ވޯޓުގެ ބޮޑު ތާއީދަކާއެކުގައެވެ.
މަޖިލީހުގައި ޞާދިޤު ތަމްސީލުކުރައްވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމާއެކު، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެންބަރުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13 އަށް އިތުރުވެފައެވެ.
2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް މުޅި ރާއްޖެއިން ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި ކަމަށްވާއިރު، މިއީ މި ހިނގާ 20 ވަނަ މަޖިލީހުގައި އެ ޕާޓީއަށް އިތުރުވި ފުރަތަމަ ގޮނޑިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޢަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭ، އެ ސިޓީގެ އެންމެ ފުރަތަމަ މޭޔަރެވެ. އޭނާ ވަނީ ލޯކަލް ގަވަރމަންޓް ނިޒާމުގެ ދަށުން އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމު ވިދިވިދިގެން 3 ދައުރު ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަމުގެ މަތީ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ގުޅުންހުރި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޞާދިޤު މަޤާމުގެ ހުވާ ކުރައްވައިފި

މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފި

އެންމެންގެ ކަޅި މަޖިލީހުގެ މާދަމާގެ ޖަލްސާއަށް: ނާޒިމްގެ އިތުބާރުގެ މައްސަލަ މާދަމާ!




