
-
ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް ޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލް އައްޝައިޚް ރާއްޖެ ވަޑައިގެންފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް އިއްޔެގެ ވަގުތެއްގައި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރަސްމީ އެކްސް އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އާ ފުރުސަތުތަކެއް ހޯދުމުގެ މަޤްސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ޑރ. ޢަބްދުﷲ އަލް އައްޝައިޚް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ސަޢޫދީ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އިތުރަށް މަޝްވަރާކުރުމަށް ދެ ޤައުމުގެ ވެރިން ދެއްވާ އަހަންމިއްޔަތު މިކަމުން ހާމަވާ ކަމަށެވެ. ޕާލަމެންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝޫރާ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚުވަތްތެރިކަމާއި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމުގެ މައްޗަށް ކަމަށާއި، މި ދަތުރުފުޅާއެކު ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުމަށް އާ ދިރުމެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ޝޫރާ ކައުންސިލްގެ ރައީސް، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވެސް އެ މަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ސައޫދީ ޝޫރާ ކައުންސިލްގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް!

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޡިމް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައިފި

ހިތަދޫ އުތުރު ބައި އިލެކްޝަން- ރީ ރަޖިސްޓްރީވާން ހުޅުވާލައިފި




