.webp&w=3840&q=75)
ގެދޮރުވެރިކަމުގެ ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ރެއަށް ހަމަވަނީ!
# ބޯހިޔާވަހިކަން އެންމެނަށް-
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ހުޅުވާލާފައިވާ ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި މާދަމާ ރޭގެ ނިޔަލަށް ހަމަވާނެއެވެ.

ކުރިން އޮތް ގޮތުން ނަމަ މި ސްކީމްތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މޭ މަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަހުން ވަނީ ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާ ރޭ (ހޯމަ ދުވަހުގެ ރޭ) 23:59 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްދިނީ، ދާދިފަހުން ބަންދުވި އަޟްޙާ ޢީދުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އާއިލާތަކާއެކު ރަށުން ބޭރަށް ދިއުމާއި، އީދު ބަންދާ ގުޅިގެން ދައުލަތުގެ އިދާރާތައް ބަންދުވުމުން ފޯމަށް ބޭނުންވާ މުހިންމު ލިޔެކިއުންތައް ހަމަކުރުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުމުންނެވެ.
މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބުމުން މުއްދަތު އިތުރުކޮށްދިން ނަމަވެސް، މާދަމާ ރެއަށް މުއްދަތު ހަމަވުމަށްފަހު ދެން އިތުރަށް އެއްވެސް ވަރަކަށް މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށް އެ ވުޒާރާއިން ވަނީ ސާފުކޮށް ހާމަކޮށްފައެވެ.
"ބޯހިޔާވަހިކަން އެންމެނަށް" މި ސިޔާސަތުގެ ދަށުން ސަރުކާރުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް ރަސްމީކޮށް އިޢުލާނު ކުރީ ނިމިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
މި ސްކީމް އިޢުލާނު ކުރިއިރު، ގޯއްޗާއި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ޚާއްޞަ އުސޫލުތަކާއި ޝަރުޠުތައްވެސް ވަނީ އާންމުކޮށްފައެވެ. މީގެ އިތުރުން، އާންމުންނަށް މި ޕްރޮގްރާމްތަކާ ގުޅޭ ރަސްމީ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ޤާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ ޚިދުމަތް ކުރު މެދުކެނޑުމަކަށްފަހު މިހާރު އަލުން ފަށައި، ފޯމު ހުށަހަޅާ ފަރާތްތަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މި ބިޔަ މަޝްރޫޢުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ހިއްކާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، މާލެ ސަރަހައްދުން އެކި ފަންތީގެ ޖުމްލަ 7,900 ފްލެޓް ދޫކުރުމަށްވެސް މި ސްކީމްގެ ދަށުން ވަނީ ހަމަޖެހިފައެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.
ގުޅުންހުރި
.webp&w=3840&q=75)
ގެދޮރުވެރިކަމުގެ ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ރެއަށް ހަމަވަނީ!

ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފި: އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އަށް!

ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް މިހާތަނަށް 500އަށް ވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށަހަޅައިފި




