
ބޯހިޔާވަހިކަން އެންމެންނަށް: ވަޒީރު ދެއްވި ޔަގީންކަމަކީ މިދައުރުގެ ތެރޭގައި ފްލެޓުތައް ނިންމައި ހަވާލުކުރާނެ ކަމުގެ ޔަގީންކަން!
# ބޯހިޔާވަހިކަން އެންމެނަށް-
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާ ރާއްޖޭގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫއުގެ ދަށުން މިއަދު ހުޅުވާލި ފުރަތަމަ ސްކީމުގެ ތެރެއިން ދޭ ފްލެޓުތައް މިދައުރުގެ ތެރޭގައި ނިންމައި ހަވާލުކުރާނެ ކަމުގެ ޔަހީންކަން ހައުސިންގ މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބު ދެއްވައިފި އެވެ.

ވަޒީފު މި ޔަގީންކަން ދެއްވީ ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ފުރަތަމަ ސްކީމަށް ހުޅުވާލާ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިންޓަވިއުގައި ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން މިހާރު ތަރައްޤީކުރަން ނިންމާފައިވާ ހުރިހާ ބޯހިޔާވަހި ކަމަކީ، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތް ހަމަޖެހިފައިވާ މަސައްކަތްތަކެއް ކަމަށާއި މިއީ އާއިލީ ބޯހިޔާވަހިކަމަށް ޚާއްޞަ ސްކީމެއް ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ފޯމު ހުށައެޅޭނެ ކަމަށެވެ.
އެގޮތުން މި ސްކީމުގެ ދަށުން 15،000 ގޯތި އަދި 7،900 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު މިނިސްޓަރު ވަނީ މި މަޝްރޫޢުތައް ނިންމާ، މި ދައުރުގެ ތެރޭގައި ޙަވާލުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން މިހާރު އިޢުލާނުކޮށްފައިވާ ގޯއްޗާއި ފްލެޓުތަކުގެ މަޝްރޫޢުއަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައި އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ.
ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ އުސޫލުތައް ގެޒެޓުކޮށްފަވާއިރު އަންނަ އެޕްރީލް މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.





