
މާލެ ސިޓީގެ ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ހޯދުމަށް މޭޔަރ ޢާޒިމް، ސަފީރާއި ބައްދަލުކުރައްވައިފި
# މާލެ ސިޓީ ކައުންސިލް-
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ކޮންގް ޒިއަންހުއާ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މާލޭގެ ތަރައްޤީއާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މަޤާމާ ހަވާލުވެވަޑައިގަތް ފަހުން މާލެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މޭޔަރުކަމުގެ ދައުރު ނިމޭއިރު، މާލެއަކީ މިހާރަށްވުރެ މާ އަމާން، އަދި ހުރިހާ ގޮތަކުންވެސް ދިރިއުޅެން ފަސޭހަ ސިޓީއަކަށް ހެއްދެވުމުގެ ބޮޑު ތަޞައްވުރެއް ގެންގުޅުއްވާކަން ހާމަކުރެއްވިއެވެ. ނަމަވެސް، މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލްގެ މުވައްޒަފުންގެ ދަތިކަން ކަމަށްވާތީ، އެކަން ހައްލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ޢާޒިމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޢުމްރާނީ އަދި އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކަށް ޗައިނާއިން ވެދެމުންދާ އެހީތެރިކަމަށްޓަކައި މޭޔަރ ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައިވެސް ފާގަތިކަމާއި އިތުބާރު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ސަފީރު ކޮންգް ޒިއަންހުއާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރައްވާނެ ކަމަށެވެ. އަދި މާލޭގެ ތަރައްޤީއަށް ކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކަށާއި މަސައްކަތްތަކަށް ޗައިނާ ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަފީރު ދެއްވިއެވެ.
މި ރަސްމީ ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުހައްމަދު ރިޔާޟް އާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުހައިމިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

މަސްޖިދުލް ސުލްޠާނުލް ޢާދިލްގެ ސައުންޑް ކޭބަލް ވަގަށް ނަގައިފި: ފަތިސް ނަމާދު ކުރީ މައިކާ ނުލައި!

މާލެ ސިޓީގެ ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ހޯދުމަށް މޭޔަރ ޢާޒިމް، ސަފީރާއި ބައްދަލުކުރައްވައިފި

މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 9 ގައި!




