
މުލި ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
މ. މުލީ ހޮސްޕިޓަލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި އެވެ.

މުލީ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާދެއްވިއިރު، މިއީ 50 އެނދުގެ އިމާރާތެކެވެ.
4 ފަންގިފިލައަށް ތަރައްގީކުރާ މި ހޮސްޕިޓަލް އިމާރާތާއެކު މުލީ ރީޖަނަލް ހޮސްޕިޓަލުގައި އިތުރު ހިދުމަތްތައް ގާއިމްވެގެންދާނެ އެވެ. އޭގެތެރޭގައި އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސް އިމާރާތެއްވެސް ގާއިމްކުރުމަށްވަނީ ހަމަޖެހިފަ އެވެ.
ހޮސްޕިޓަލްގެ އާ އިމާރާތުގައި ކޮންސަލްޓޭޝަން ރޫމާއި، އޮޕަރޭޝަން ތިއޭޓަރާއި، އީ.އާރްއާއި، އެން.އައި.ސީ.ޔޫއާއި، ކުޑަކުދިންގެ ވޯޑާއި، ޑެންޓަލް ޚިދުމަތާއި، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީ ހިދުމަތްވެސް ގާއިމްކުރުމަށް ނިންމާފައިވެ އެވެ. އަދި މުލީ ހޮސްޕިޓަލުގެ އާ އިމާރާތުގައި ޕްރައިވެޓް ރޫމްތަކާއި، މީޓިން ރޫމް އަދި ކުޑަކުދިން ކުޅޭ އޭރިއާއެއްވެސް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 171 މިލިޔަން ރުފިޔާ އަށެވެ.
މި ހޮސްޕިޓަލް އަކީ 32000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ ހޮސްޕިޓަލެކެވެ.





