
އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ
# ފުލުހުންއޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: ފުލުހުން
އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް" ގައި ދިވެހި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.

ފުލުހުން ބުނީ މިއީ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) އިން އިންތިޒާމްކޮށްގެން ވިއެޓްނާމްގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ފުލުހުންގެ ހިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ސަރަހައްދީ ފެންވަރުގައި ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށްޓަކައި، ސަރަހައްދުގެ ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކުގެ ޑިޖިޓަލް ފުޓްޕްރިންޓާއި، ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް ތައާރަފުވަމުންދާ ކަންކަމުގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާނެ އުކުޅުތަކުގެ މައްޗަށް ކަމަށް ފުލުހުން ފާހަގަކުރި އެވެ.
މީގެ އިތުރުން، ބަދަލުވަމުންދާ ކުށުގެ ވެށީގައި ސަރަހައްދީ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބައިނަލްއަގްވާމީ ތަމްރީނުތަކާއި އެއްބާރުލުން ދިނުމުގެ ފުރުސަތުތަކުގެ ބޭނުންހިފައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.
ގުޅުންހުރި

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ

ޔޫ.އެސް ޑިޕްލޮމެޓިކް ސެކިއުރިޓީން ކޭނައިން ޓްރެއިންގްތަކެއް ކުރިއަށް ގެންގޮސްފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި




