
ނ.މާފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން، ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގައި ސިފައިން އެހީތެރިވެއްޖެ
# ނ މާފަރު-
ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި، ނޫނު އަތޮޅު މާފަރަށް ބޯކޮށް ވާރޭވެހި ރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އަމަލީގޮތުން ބައިވެރިވެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

ވިއްސާރައިގެ ސަބަބުން ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މާފަރުގެ މަގުތަކުން ފެން ހިންދުމުގެ ޚާއްޞަ މަސައްކަތް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން އިސްނަގައިގެން ފަށާފައިވަނީ ރޭ 21:30 ހާއިރުއެވެ. މީގެއިތުރުން، ފެންގަނޑު ބޮޑުވުމުގެ ސަބަބުން ގޭގެއަށާއި އެކިއެކި އިމާރާތްތަކަށް ފެންވަދެ ގެއްލުންވުން ހައްލުކުރުމަށްޓަކައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގައި ޤާއިމްވެތިބި މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 އާއި އެއަރ ކޯރ ސްކޮޑްރަން 1 ގެ ސިފައިންވެސް ވަނީ ނިކުމެފައެވެ.
ސިފައިންގެ މި ޓީމުތަކުން ވަނީ ރަށުގެ ގޭގެއަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ފެންގަނޑު ކަނޑަށް ބޭރުކުރުމަށްޓަކައި ކޯރުކެނޑުމުގެ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މި ހާއްސަ ހަރަކާތުގައި އިއްޔެ ހަވީރު 15:35 އިން ފެށިގެން ރޭ ދަންވަރު 00:15 އާ ހަމަޔަށް ސިފައިން މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައިވާއިރު، ރަށުގެ އެކި ނާޒުކު ސަރަހައްދުތަކުގައި ގާތްގަނޑަކަށް 130 އަށްވުރެ ގިނަ ވެލިބަސްތާ ވަނީ ޖަހާފައެވެ.
ސިފައިންނާއި ރަށުގެ މުއައްސަސާތައް ގުޅިގެން ކުރި މި ބުރަ މަސައްކަތުން، މާފަރުގެ މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު އެއްކޮށް ހިއްކައި، ރަށުގެ މަގުތައް އާންމު ހާލަތަކަށް ގެނެވިފައިވަނީ ރޭ ދަންވަރު 00:17 ހާއިރުއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއް ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
ގުޅުންހުރި

ނ.މާފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން، ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގައި ސިފައިން އެހީތެރިވެއްޖެ

މާފަރުގައި އަލަށް ތަރައްގީކުރި ކަސްޓަމްސްގެ އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: ވަޒީރު

މާފަރު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފި




