
ވޯލްޑްކަޕް: ފަސޭހަކަމާއެކު ސައުތު އެފްރިކާ ބަލިކޮށް މެކްސިކޯ އިން ފެށުން ރަނގަޅުކޮށްފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުސައުތު އެފްރިކާއި މެކްސިކޯ ވާދަކުރި މެޗުގެ ތެރެއިން...
ފީފާ ވޯލްޑްކަޕް 2026 ގެ ކުޅުން މިރޭ ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ މެކްސިކޯ އާއި ސައުތު އެފްރިކާ ވާދަކުރި މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެކްސިކޯ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިދެޓީމުން ވާދަކޮށްފައިވާއިރު، އެމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިއީ ފާއިތުވެދިޔަ 15 އަހަރުތެރޭގައި މިދެޓީމު ވާދަކުރި ފުރަތަމަ މެޗެވެ.
މެކްސިކޯ ސިޓީގެ އެސްޓާޑިއޯ ބަނޯޓޭގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެކްސިކޯ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ނުވަވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކްނިއޮނޭސް އެވެ.
މިމެޗުގައި ސައުތު އެފްރިކާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު ޔާޔާ ސިތޮލޭއަށް ދެއްކި ރަތްކާޑާއެކު އެވެ. މިއާއެކު މެކްސިކޯ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރައުލް ހިމެނޭޒް އެވެ.
މީގެ އިތުރުން މެޗުގެ 84 ވަނަ މިނެޓުގައި ސައުތު އެފްރިކާގެ މިޑްފިލްޑަރު ތެމްބާ ޒްވޭން ކުޅުމުން ބޭރުގައި މެކްސިކޯގެ ކުޅުންތެރިއަކަށްކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި ސައުތު އެފްރިކާ އިން ނިންމާލީ ނުވަ ކުޅުންތެރިންނާއެކުއެވެ. އަދި މެޗުގެ އިތުރުވަގުތުގެ ތެރޭގައި މެކްސިކޯގެ ޑިފެންޑަރު ސެސާރ މޮންޓޭސްއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންނާލީ 10 ކުޅުންތެރިންނާއެކު އެވެ.


.jpg&w=3840&q=75)
.jpg&w=3840&q=75)


