
ވޯލްޑްކަޕް: ފަހަތުން އަރައި ކޮރެއާ އިން ޗެކް ރިޕަބްލިކް ބަލިކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ސައުތު ކޮރެއާ އާއި ޗެކް ރިޕަބްލިކް ވާދަކުރި މެޗުގެ ތެރެއިން.
މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ރޭ ޗެކް ރިޕަބްލިކް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ސައުތު ކޮރެއާ އިން ކާމިޔާބުކޮށްފިއެވެ.

ޒަޕޯޕަން ސިޓީގެ އެސްޓާޑިއޯ އަކްރޮންގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެކް ރިޕަބްލިކް އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލަޑިސްލާވް ކްރެއިޗީ އެވެ.
ކޮރެއާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި މިޑްފިލްޑަރު އިން ބިއޯމް ހުއާންގް ކާމިޔާބުކުރިއިރު، އޭގެ 10 މިނެޓު ފަހުން ޗެޕް ރިޕަބްލިކުން އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި ކޮރެއާ މިމެޗުން މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ހަޔަން ގިއު އޯ އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސައުތު ކޮރެއާ ކުރީގައި އޮވެގެންނެވެ. އަދި މިނަތީޖާއެކު ގުރޫޕް އޭގެ ދެވަނައިގައި މިވަގުތު ސައުތު ކޮރެއާ އޮތްއިރު، މިގުރޫޕްގެ އެއްވަނައިގައި އޮތީ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ ބަލިކުރި މެކްސިކޯ އެވެ.



.jpg&w=3840&q=75)
.jpg&w=3840&q=75)

