logoEN
WAMCO TOP 1
ފަހަތުން އަރައި ހުރާ ބަލިކޮށް ގައްދޫ އިން ފެންވަރު ދައްކާލައިފި

ފަހަތުން އަރައި ހުރާ ބަލިކޮށް ގައްދޫ އިން ފެންވަރު ދައްކާލައިފި

ހަސަން ޝަމްއޫން

logo

6/12/2026, 8:05:43 PM

# ކ.ހުރާ# ގދ.ގައްދޫ# ދިވެހި ކުޅިވަރު # ދިވެހި ލީގު ކޮލިފައިންގް

ގައްދޫ އާއި ހުރާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގައްދޫ ރެކްރިއޭޝަން ކުލަބު

މިހާރު ކުރިއަށްދާ ދިވެހި ލީގު ކޮލިފައިންގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކ. ހުރާ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ ގދ. ގައްދޫ އިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

THE TRAVELLER AD

މިއަހަރުގެ ގދ.އަތޮޅު ޗެމްޕިއަންކަަމާއި، ޒޯން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ސައުތު ރީޖަންގެ ޗެމްޕިއަންކަން މެޗަކުން ބަލިނުވެ ހޯދި ގައްދޫ ޓީމުން ދިވެހި ފުޓްބޯޅައިގެ ފަޚުރުވެރި ތާރީޚެއް އޮތް ހުރާ ޓީމާއި ދެކޮޅަށް މިރޭ ހޯދި ކާމިޔާބަކީ ގައްދޫގެ ތާރީޚުގައި ވެސް ފުޓްބޯޅަ އިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

ދިވެހި ލީގު ކޮލިފައިންގައި ގައްދޫ ކުޅުނު ފުރަތަމަ މެޗުގައި ހއ.ދިއްދޫ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ކޮލިފައިންގައި ހުރާ ކުޅުނު ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ހުރާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ގޮމޭޒް އެވެ.

މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މުހައްމަދު ތަޝްމީން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގައްދޫގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ގައްދޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އަލީ މުހައްމަދު އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ގައްދޫ މެޗުން މޮޅުވި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އެމެނުއަލް އެވެ.

މިނަތީޖާއެކު ކޮލިފައިންގައި ގައްދޫ އިން ކުޅުނު ދެމެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ހުރާ ޓީމަށް ދެމެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި މިއީ ގަލޮޅު ދަނޑުގައި ގައްދޫ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.

ކޮލިފައިންގައި ގައްދޫއަށް ކުރިއަށް އޮތީ މިމަހުގެ 17 ވަނަ ދުވަހު ބިސް ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 20 ވަނަ ދުވަހު ހުރާގެ ތިންވަނަ މެޗުގައި އެޓީމުން ވެސް ނުކުންނާނީ ބިސް ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

ކޮމެންޓް
ފަހުގެ
HDC