
-
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފިއެވެ.

މި ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ މެމްބަރުކަން، ސާބިތު ދަރަންޏެއްގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެން ގެއްލުމުންނެވެ.
މިއަދު ބޭއްވުނު ފޯރިގަދަ ބައި-އިލެކްޝަންގައި ވާދަކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އަދި މުޅިން އިޢުލާން ނުކުރި ނަމަވެސް، ވޯޓުލީ މަރުކަޒުތަކުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އެންމެ ފޮށްޓެއް ފިޔަވައި އެހެން ހުރިހާ ފޮށިތަކަކުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެން ސޯބެ ވަނީ މި ގޮނޑި ކަށަވަރު ކުރައްވާފައެވެ.
މި ބައި-އިލެކްޝަންގައި ހިތަދޫ އުތުރު ދާއިރާއިން ޖުމްލަ 4,121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2,073 އަންހެނުންނާއި 2,048 ފިރިހެނުންނެވެ. ކިއޫތައް ދިގުވުމުގެ ސަބަބުން މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ.



.jpeg&w=3840&q=75)

