logoEN
WAMCO TOP 1
އިމާމުން ތަމްރީނުކުރުމާއި ޒަކާތުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މެލޭޝިޔާއާއިއެކު މަޝްވަރާކޮށްފި

އިމާމުން ތަމްރީނުކުރުމާއި ޒަކާތުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މެލޭޝިޔާއާއިއެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

6/12/2026, 4:01:26 PM

# އިސްލާމިކް މިނިސްޓްރީ

-

ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓަރ ހިޒް އެކްސެލަންސީ ޑރ. ޛުލްކިފްލި ބިން ހަސަންއާ މިއަދު މެލޭޝިޔާގައި ބައްދަލުކުރައްވައި، ދެ ޤައުމުގެ ދީނީ އަދި ޢިލްމީ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

THE TRAVELLER AD

މެލޭޝިޔާގައި ކުރިއަށްދިޔަ މި މުހިންމު ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާއާއި، މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، މެލޭޝިޔާއިން ދިވެހިރާއްޖޭގެ އިސްލާމީ ކަންކަމާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޒަމާނުއްސުރެ ވެދެއްވަމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މެލޭޝިޔާގެ ބޮޑުވަޒީރަށާއި ސަރުކާރުގެ އިސްވެރިންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާގެ (އައިއައިޔޫއެމް) ސަބަބުން ދިވެހި ދަރިވަރުންނަށާއި ރާއްޖޭގެ ޢިލްމީ މުޖުތަމަޢަށް ލިބެމުންދާ ކުރިއެރުންތައް ފާހަގަކުރައްވައި، އެ ޔުނިވަރސިޓީގެ ކަންކަމުގައި މެލޭޝިޔާ ސަރުކާރުން ދޭ ސަމާލުކަމަށް ބޮޑު އިޙްތިރާމެއް އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ވުޒާރާ ގުޅިގެން މުސްތަޤްބަލުގައި ކުރިއަށްގެންދާނެ ބޮޑެތި މަޝްރޫޢުތަކަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި، ޙައްޖާއި ޢުމްރާގެ ކަންކަން ފަސޭހަކުރުމާއި، އިސްލާމީ ވަޤުފް (އައުޤާފް) އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުން މެލޭޝިޔާގެ ތަޖުރިބާގެ އަލީގައި ތަމްރީން ކުރުމާ ބެހޭގޮތުން ދެބޭފުޅުން އެއްބަސްވެވަޑައިގަތެވެ. މީގެ އިތުރުން ޤުރުއާން ޢިލްމު ފެތުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، މި ހުރިހާ ދާއިރާތަކަކުން ރަސްމީކޮށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޚާއްޞަ ފަހުމުނާމާއެއްގައި (އެމްއޯޔޫ) ސޮއިކުރުމުގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.

ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން، ވަޒީރު ޑރ. ޝަހީމް ވަނީ މެލޭޝިޔާގެ ދީނީ ވަޒީރު ޑރ. ޛުލްކިފްލި ބިން ހަސަނަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުފުޅަކީ، މުސްލިމް ވޯލްޑް ލީގުގެ (ރާބިޠަތުލް ޢާލަމިލް އިސްލާމީ) ޚާއްޞަ ދަޢުވަތަކަށް އެޤައުމުގައި ބާއްވާ "އިންޓަނޭޝަނަލް ރިލިޖަސް ލިޑާސް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC