
ޒުވާން ޚަތީބުންގެ ތަމްރީނުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ޚަތީބުންގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ކުރިއަށްގެންދާ މަޝްރޫއެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަންނަ މަހުގައި މި ޕްރޮގްރާމްގެ 5 ވަނަ ބުރު ފެށުމަށް ނިންމާފައިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ.
އެހެންކަމުން މި ފުރުސަތައް ކުރިމަތިލާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީގެ އިތުރުން، ސްކޫލުގައި އުޅޭނަމަ އެކަމުގެ ލިޔުމާއި އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމް މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް "ފޭސް-ޓު-ފޭސްކޮށް" މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރަށްރަށުގައި ތިބި ކުދިންގެ ތެރެއިން މާލެ އައިސް ތަމްރީނުގައި ބައިވރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ ޕްރޮގްރާމުގެ ސަނަދު ދޫކުރެވޭނީ ޕްރޮގްރާމްގެ އިންޓަވިއު ނިންމައި، ހުރިހާ ތަމްރީން ސެޝަންތަކަށް ހާޒިރުވެ އަދި ލިޔުމުގެ އިމްތިިހާނުން ފާސްވާ ފަރާތްތަކަށް ކަމަށެވެ.
މި ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަދި ދީނީ ދައުވަތުގެ މަސައްކަތަށް އާ ދިރުމެއް ގެނުވި ޕްރޮގްރާމެއްކަން އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ގުޅުންހުރި

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރަށް ހުޅުވާލައިފި

އިސްލާމީ ޢީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލަނީ

މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް ވަނީ އިތުރުވެފަ: ޒަކާތު ހައުސް




