.jpg&w=3840&q=75)
ޕެނަލްޓީގައި އާސެނަލް ބަލިކޮށް ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއުކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# ޕީއެސްޖީ# އާސެނަލްޕީއެސްޖީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..
ޔުއެފާ ޗެމްޕިންސް ލީގު ފައިނަލުގައި މިރޭ އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން މޮޅުވެ ޕީއެސްޖީ އިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 6-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިޔުނިކް ބަލިކުރުމަށްފަހު އެވެ. އަދި 20 އަހަރަށް ފަހު އާސެނަލް އިން ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދީ ސެމީގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ހަންގޭރީގެ ވެރިރަށް، ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅުނު ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހަވާޓްޒް އެވެ. އަދި މިއީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި ހަވާޓްޒް ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މީގެ ކުރުން 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީ ޗެމްޕިއަންކަން ހޯދި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ވެސް ހަވާޓްޒް އެވެ.
އާސެނަލްގެ ލަނޑަށްފަހު އެޓީމުން ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހި ލީޑު ދިފާއުކުރަން މަސައްކަތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ގިނަވަގުތު އާސެނަލްގެ ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ޕީއެސްޖީ އިންނެވެ. ނަމަވެސް މިހާފުގައި އާސެނަލްގެ ގޯލާއި އަމާޒުކޮށް އެޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 65 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް އުސްމާން ޑެމްބެލޭ އެވެ.
މިލަނޑާއެކު މެޗުގެ 90 މިނެޓުގެ އިތުރުން އިތުރަށް ކުޅުނު 15 މނެޓުގެ ދެހާފުގެ ކުޅުން ވެސް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި އާސެނަލްގެ ވިކްޓާރ ގްޔޮކަރޭސް، ޑެކްލަން ރައިސް އަދި ގެބްރިއަލް މާޓިނެއްލީ ޖެހި ޕެނަލްޓީ ކާމިޔާބުކުރިއިރު، އެޓީމުގެ އެބެރެޗީ އެޒޭގެ އިތުރުން ޑިފެންޑަރު ގެބްރިއަލް ޖެހި ޕެނަލްޓީ ގޯލާއި އަމާޒުކޮށްލެވޭގޮތެއް ނުވިއެވެ.
މީގެ އިތުރުން ޕީއެސްޖީގެ ނޫނޯ މެންޑޭސް ޖެހި ޕެނަލްޓީ އާސެނަލްގެ ކީޕަރު ރަޔާ ދިފާއުކުރި ނަމަވެސް އެޓީމުގެ ގޮންކާލޯ ރާމޮސް، އަޗްރަފް ހަކީމީ، ޑެޒެއާ ޑޫއޭ އަދި ލޫކަސް ބެރާލްޑޯ ޖެހި ޕެނަލްޓީ އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.


.jpg&w=3840&q=75)



