logoEN
WAMCO TOP 1
ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި 137 ދަރިވަރުން ދަސްވެނިވެއްޖެ، އެންމެ މޮޅު ދަރިވަރަކަށް ޕްރައިވެޓް ނަޒީހު!

ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި 137 ދަރިވަރުން ދަސްވެނިވެއްޖެ، އެންމެ މޮޅު ދަރިވަރަކަށް ޕްރައިވެޓް ނަޒީހު!

އަހުމަދު ޝުރާއު

logo

6/11/2026, 1:17:50 PM

# ދިވެހި ސިފައިން

-

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ (އެމްއެންޑީއެފް) އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގި އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުގެ ދަސްވެނިވުން އައްޑޫ ސިޓީގައި ކުލަގަދަކޮށް ބާއްވައިފިއެވެ.

THE TRAVELLER AD

އައްޑޫ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި މި ޝަރަފުވެރި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ސިފައިންގެ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމުގެ އިތުރުން، ކޯހުން އެކި ގޮތްގޮތުން އެންމެ މޮޅު ވަނަތައް ހާސިލުކުރި ޒުވާން ސިފައިންނަށް ބަހާލެވުނު ޚާއްޞަ އެވޯޑްތަކާއި އިނާމުތައް ހަވާލުކޮށްދެއްވައި، ދަރިވަރުންނާ މުޚާތަބުކުރައްވައި ހިތްވަރުގަދަ ވާހަކަފުޅެއް ދައްކަވާފައެވެ.

މި ފަހަރުގެ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ނަޒީހު ރަޝީދުއެވެ. ހަށިހެޔޮކަމުގެ ދާއިރާއިން އެއްވަނަ ހޯދައި "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙްމާން ހާސިލުކުރިއިރު، ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވި "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ހާސިލުކުރީ ޕްރައިވެޓް އަނޫސް މުޙައްމަދުއެވެ. މީގެ އިތުރުން، އަމާޒަށް ބަޑިޖެހުމުގެ ބައިން އެންމެ މޮޅުވެ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް މުޙައްމަދު ރަޒާން ޢަލީ ޒާހިރުއެވެ.

މުޅި ކޯހުން އެންމެ މޮޅު ޕްލެޓޫނަކަށް "ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީ" ގެ ސިއެރާ ޕްލެޓޫން ހޮވުނުއިރު، ވަކިވަކި ޕްލެޓޫންތަކުގެ އެއްވަނަ ދަރިވަރުންވެސް ވަނީ އިޢުލާނުކޮށްފައެވެ. އެގޮތުން ސިއެރާ ޕްލެޓޫނުން ޕްރައިވެޓް ފާތިމަތު ސަރާ އާދަމް، އަލްފާ ޕްލެޓޫނުން ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙުމާން، ޓެންގޯ ޕްލެޓޫނުން ޕްރައިވެޓް މާއިޒް މުޙައްމަދު ޒުހައިރު، އަދި ޗާރލީ ޕްލެޓޫނުން ޕްރައިވެޓް އުލްވާން އަތޫފް އަރީބް ވަނީ އެއްވަނަ ހާސިލުކޮށްފައެވެ.

މި ކޯހުން ޖުމްލަ 137 ޒުވާން ދަރިވަރުން ތަމްރީނު ފުރިހަމަކޮށް، ޤައުމީ ޚިދުމަތުގެ ސަފުތަކާ ރަސްމީކޮށް މިވަނީ ގުޅިފައެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން މިއަހަރުގެ މާރިޗު 7 އިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގެ ހަރުކަށި ތަމްރީނުތައް ބޭއްވުނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގައެވެ. ރަސްމިއްޔާތުގައި ދަރިވަރުންނަށް ސިފައިންގެ މުޤައްދަސް ޢަޒުމް ލައިދެއްވީ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ދަރިވަރުންގެ އާއިލާތަކުން ބައިވެރިވެ، ޒުވާން ސިފައިންގެ ސަފުދެއްކުމުގެ ހުނަރުތައް ބަލައިލާފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC