
-
މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައި، ފައިސާ ޖަމާކޮށްދީ ނިންމާލައިފިއެވެ.

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ވަނީ ބޭންކް އެކައުންޓްތައް މެދުވެރިކޮށް ޖަމާކޮށްދީފައެވެ.
އެއީ އެކު ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާއެވެ.
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު މިންވަރަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިއީ ރާއްޖޭގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،000 ރުފިޔާއަށްވުރެ މަތިން ފައިސާ ބެހި ފުރަތަމަ ފަހަރެވެ.
މުދަލު ޒަކާތް ބެހުމުގެ ނިޒާމު ހަރުދަނާކޮށް، ހައްގުވެރިންނަށް ސީދާ ފައިސާ ލިބޭނެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސާފައިވަނީ ވަރަށް އަވަސް އަދި ހާމަކަން ބޮޑު ގޮތެއްގައެވެ. ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެކައުންޓްގެ މައްސަލައެއް އުޅޭނަމަ އެކަން ހައްލުކޮށް ފައިސާ ދޫކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތުދެއެވެ.






