އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކެއްގައި 11 ކުޑަކުދިންނާއެކު 13 މީހުން މަރުވެއްޖެ
# އަފްގާނިސްތާން-
އަފްޣާނިސްތާނުގެ އިރުމަތީ ބޯޑަރު ސަރަހައްދުތައް ކަމަށްވާ ކުނާރް، ޚޯސްޓް، އަދި ޕަކްތީކާ ޕްރޮވިންސަށް ޕާކިސްތާނު ސިފައިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި މަދުވެގެން 13 މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ އިސް ތަރުޖަމާނު ޒަބީހުއްލާ މުޖާހިދު "އެކްސް" ގައި ހާމަކުރެއްވި ގޮތުގައި، މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި، އަންހެނަކާއި، އުމުރުން ދުވަސްވީ ފިރިހެނަކު ހިމެނެއެވެ. މީގެ އިތުރުން އިތުރު 14 އަންހެނުންނާއި ކުޑަކުދިން މި ހަމަލާތަކުގައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރުތައް ބުނާގޮތުން، އަންގާރަ ދުވަހުގެ ރޭ ދިން މި ހަމަލާތަކަކީ ފާއިތުވި ހަފުތާތަކުގައި ބޯޑަރު ސަރަހައްދު އަމާންކޮށް އޮތުމަށްފަހު ދެވުނު އެންމެ ނުރައްކާތެރި ހަމަލާތަކެވެ. ޚޯސްޓް ޕްރޮވިންސްގެ އޮފިޝަލަކު އޭއެފްޕީ ނޫސްއޭޖެންސީއަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އެ ޕްރޮވިންސްގެ ސްޕޭރާ ޑިސްޓްރިކްޓްގައި ހުރި އާންމުންގެ ގެއަކަށް ބޮން އެޅުމުގެ ސަބަބުން އެކަނިވެސް 9 މީހުން މަރުވެ، 10 މީހުން ޒަހަމްވި ކަމަށެވެ. އަދި އަވަށްޓެރި ޕަކްތީކާ ޕްރޮވިންސްގެ ބަރްމަލް ޑިސްޓްރިކްޓްގެ ގެއަކަށް ދިން ހަމަލާގައި 3 ކުޑަކުދިން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ މީހުން ބުނެއެވެ.
ޕާކިސްތާނު ސަރުކާރުން މި ހަމަލާތަކާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މީގެ ކުރިންވެސް ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ހަމަލާދީފައެވެ. އެފަހަރުތަކުގައި ޕާކިސްތާނުން ބުނެފައިވަނީ އެމީހުން ހަމަލާދެނީ ޕާކިސްތާނާ ދެކޮޅަށް ހަރަކާތްތެރިވާ "ޓެހްރީކޭ ތާލިބާން ޕާކިސްތާން" (ޓީޓީޕީ) ގެ ހަނގުރާމަވެރިންނަށް ކަމަށެވެ.
މި ވައިގެ ހަމަލާތައް ދީފައި މިވަނީ، ޕާކިސްތާނުގެ ޚައިބަރް ޕަޚްތޫންޚުވާ ޕްރޮވިންސްގައި ހުރި ސެކިއުރިޓީ ޕޯސްޓަކަށް ޓީޓީޕީގެ ހަނގުރާމަވެރިން ދިން ވަރުގަދަ ބަޑީގެ ހަމަލާތަކެއްގައި ޕާކިސްތާނުގެ ޕެރާމިލިޓަރީ ފޯސްގެ 6 ސިފައިން މަރުވެ، ގިނަ ބަޔަކު ޒަހަމްވިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. މި ހާދިސާއާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި އަސްކަރީ މަސްރަޙު ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ހޫނުވެފައެވެ.
ގުޅުންހުރި
އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކެއްގައި 11 ކުޑަކުދިންނާއެކު 13 މީހުން މަރުވެއްޖެ

އަފްގާނިސްތާނުން ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދީފި

ޕާކިސްތާނު އަސްކަރިއްޔާއިން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއް: ބަދަލު ހިފާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި




