logoEN
WAMCO TOP 1
ޝަމްއާން ހަދަނީ ސާބިތުނުހިފޭ ދޮގު، ކަން ހިނގިގޮތް ހާމަކުރަން ފުލުހުންނަށް އަންގައިފިން - އިހްސާން

ޝަމްއާން ހަދަނީ ސާބިތުނުހިފޭ ދޮގު، ކަން ހިނގިގޮތް ހާމަކުރަން ފުލުހުންނަށް އަންގައިފިން - އިހްސާން

އަހުމަދު ޝުރާއު

logo

6/10/2026, 6:52:43 AM

# މިނިސްޓަރ އިހްސާން

-

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ކުށް ސާބިތުވެ 25 އަހަރުގެ ދިގު ޖަލު ހުކުމެއް އިއްވާފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވަހީދު ސަރުކާރުގެ އިސްވެރިންނަށް ކުރަމުންދާ ތުހުމަތުތައް ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދޮގުކުރައްވައި، އެ މައްސަލައިގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާއަށް އަންގަވައިފިއެވެ.

THE TRAVELLER AD

ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމާ ގުޅިގެންނެވެ.

ނަމަވެސް، އިއްޔެ ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ޝަމްއާން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ފްރޭމްކޮށްގެން ކުރި ކަމެއް ކަމަށް ބުނެ، އެކަމުގައި މިނިސްޓަރު އިހުސާންގެ އަތެއްވާ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމްއާން އެ ކުރަނީ އެއްވެސް ސާބިތުނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި، ތަކުރާރުކޮށް އެ ދައްކާ ވާހަކަތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތްއިރު އޭނާ އެ ހަދަނީ ކަނޑައެޅިގެން ދޮގުކަން ކުރިންވެސް މީޑިއާގައި ވާނީ ހާމަކުރައްވާފައި ކަމަށެވެ.

އަދި ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ވަރުގަދަ ހެކިތަކުން ސާފުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުންދާތީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ކޯޓުން އިއްވި 25 އަހަރުގެ ހުކުމްގެ ތަފްސީލަށް ބަލާއިރު، މަނީ ލޯންޑްރިންގެ ދައުވާއަށް 15 އަހަރު، ފޭރުމުގެ ދައުވާއަށް 8 އަހަރު، އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް ވަނީ 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC