logoEN
WAMCO TOP 1
މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފި

އަހުމަދު ޝުރާއު

logo

6/9/2026, 7:16:47 AM

# މިފްކޯ

-

ރާއްޖޭގެ ބާޒާރުގައި މަސް ލިބުން ދަތިވެ މަހުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދު ކިލޯއެއް 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

THE TRAVELLER AD

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން އާދަޔާޚިލާފަށް ދަށް ދުވަސްވަރަކަށް ވުމުން، ބާނާ މަހުގެ ނިސްބަތް މަދުވުމުގެ ސަބަބުން މިފްކޯއިން ވަނީ މި ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން ފަށާފައެވެ.

މި ބަދަލާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ، މަސް ގަންނަ އަގު މައިގަނޑު ގޮތެއްގައި ބިނާވަނީ ދުނިޔެއާއި ރާއްޖޭގެ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށް ކަމަށެވެ. އަދި މިފްކޯގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، މަސްވެރިންނަށް ލިބޭ އާމްދަނީ އެންމެ މަތީ މިންވަރަކަށް ހިފެހެއްޓުމަށްޓަކައި މަސް ގަންނަ އަގު ވީހާވެސް މަތިކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަސްވެރިކަން ދަށްވި މި ދަނޑިވަޅުގައި މިފްކޯއިން މިވަނީ އަމިއްލަ ކުންފުނިތަކުން އެވްރެޖްކޮށް މަސް ގަންނަ އަގަށްވުރެވެސް ބޮޑަށް އަގުތައް އުފުލާފައެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ކިލޯއެއް 18.50 ރުފިޔާއަށް ގަތުމަށްފަހު، ކުންފުނިން ކުރިންވެސް އަންދާޒާކުރި ގޮތަށް މިއަދު މިވަނީ އަގު 20 ރުފިޔާއަށް ޖައްސާފައެވެ.

މަސްވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި މަހުގެ ކޮލިޓީ ހިފަހައްޓައިގެން ބޭރުގެ ބާޒާރުތަކަށް ފޮނުވުމާއި، އަގު އެއްކޮށްގެން (ވެލިއު އެޑްކޮށްގެން) މަހުގެ ތަފާތު ބާވަތްތައް އުފެއްދުން ހިމެނެއެވެ. ހަމައެއާއެކު، ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، މަސްވެރިކަން ދަށްވާ ދުވަސްވަރުވެސް މެދުނުކެނޑި ދުނިޔޭގެ ބާޒާރަށް ދިވެހި މަސް ވިއްކޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، އެކުންފުނީގެ މައިގަނޑު މަރުކަޒުތައް ކަމަށްވާ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން މިއަދު (އަންގާރަ ދުވަހު) މަސްވެރިން އަންނަ މަސް ގަންނަމުންދާނީ ކިލޯއެއް 20 ރުފިޔާގެ މި އައު އަގުގައެވެ.

ކޮމެންޓް
ފަހުގެ
HDC