
ތިނަދޫ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އައު އެމްޑީ ދެއްވީ ޚިދުމަތްތައް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން!
# މިފްކޯ-
މޯލްޑިވްސް އިންޑަސްޓްރިއަލ ި ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް، ގދ. ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ގާތުން ބައްލަވައިލައްވައިފިއެވެ.

މިއީ ސީއީއޯގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ބެއްލެވުމަށް ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ޒިޔާރަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކެކެވެ.
ތިނަދޫ މަސްވެރިންގެ ޖެޓީ ސަރަޙައްދުގެ އިތުރުން މަސްވެރިންގެ މައިޒާނުގައި ބޭއްވުނު މި ބައްދަލުވުންތަކުގައި، މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި މަސްވެރިންނަށް ދިމާވާ ދަތިތަކުގެ މަޢުލޫމާތު ސީއީއޯ އަނަސް ވަނީ އޮޅުންފިލުއްވާފައެވެ. އަދި ވަކިވަކި މަސްވެރިން ފާހަގަކުރި ޝަކުވާތަކާއި ޚިޔާލުތައް އަޑުއައްސަވައި، މިފްކޯއިން ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް މަސްވެރިން އެދޭފަދަ އެދެވޭ ޙައްލުތަކެއް ހޯދައިދިނުމަށް ކުންފުނީގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސީއީއޯ ދެއްވިއެވެ.
މި ދަތުރުފުޅުގައި ސީއީއޯ ވަނީ ތިނަދޫގައި މަސް ގަނެ، ފިނިކޮށް، ރައްކާކުރުމުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ކުރިއަށްގެންދާ "ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް" މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތްވެސް ސައިޓަށް ވަޑައިގެން ބައްލަވައިލައްވާފައެވެ. މިފްކޯއިން ހާމަކުރާ ގޮތުގައި މި ފެކްޓަރީގެ މަސައްކަތްތައް މުޅިން ނިމި ބޭނުންކުރަން ފެށުމުން، މަސްކިރުވުމުގައި ހުވަދުއަތޮޅުގެ މަސްވެރިންނަށް، ވަކިން ޚާއްޞަކޮށް ހުވަދުއަތޮޅު ދެކުނުބުރީގެ މަސްވެރި އުޅަނދުފަހަރަށް ދިމާވަމުންދާ ބޮޑެތި ހުރަސްތަކަށް ދާއިމީ ލުޔެއް ލިބިގެންދާނެއެވެ.
މިފްކޯގެ މައިގަނޑު އަސާސަކީ މަސްވެރިންނާ ގާތުން މަސައްކަތްކޮށް، ދިވެހި މަސްވެރިންގެ ޙާލަތާއި ބޭނުންތައް ދެނެގަނެ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި އަދި ފައިދާހުރި ގޮތެއްގައި ކުރިއަށްދާނެ މަގުތައް ކޮށައިދިނުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ގުޅުންހުރި

ތިނަދޫ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އައު އެމްޑީ ދެއްވީ ޚިދުމަތްތައް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން!
.jpg&w=3840&q=75)
މިފްކޯއިން މަސް ގަންނަ އަގު ޕްރައިވެޓް ސެކްޓާއާ އެއްވަރުކޮށްފި: ކިލޯއެއް 18.50 ރުފިޔާއަށް!

މިފްކޯ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ - އަނަސް




