
-
މިއަހަރުގެ މެއި މަހުގެ ތެރޭގައި މަސްދޯނިފަހަރުން މިފްކޯއަށް ކިރުވި މަހަށް، މަސްވެރިންނަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ މެއި މަހުގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހު ޖުމުލަ 693 ދޯންޏަކުން ވަނީ މަސް ކިރުވާފައެވެ. އެ ދޯނިފަހަރުން ޖުމުލަ 1,791 ޓަނުގެ މަސް ކިރުވައިގެން 31,081,853 (ތިރީސް އެއް މިލިއަން އަށްޑިހަ އެއް ހާސް އަށްސަތޭކަ ފަންސާސް ތިނެއް) ރުފިޔާ ވަނީ ބަލައިގެންފައެވެ.
މިފްކޯއަށް މިދިޔަ މަހު އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން 367 ދޯންޏަކުން 1,708.9 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ ބާވަތަށް އެކަނިވެސް 29,063,153 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މީގެ އިތުރުން ކަންނެލީގެ ބާވަތްތަކަށް ބަލާއިރު، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވައިގެން 138,000 ރުފިޔާ މަސްވެރިންނަށް ލިބިފައިވެއެވެ. މި ބާވަތުގެ 6.9 ޓަނުގެ މަސް 109 ދޯންޏަކުން ވަނީ ކިރުވާފައެވެ.
ހަމައެއާއެކު، 15 ކިލޯއިން މަތީގެ ކަންނެލީގެ ބާވަތްތައް ކިރުވައިގެން މަސްވެރިންނަށް ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. އެގޮތުން 217 ދޯންޏަކުން 75.2 ޓަނުގެ ކަންނެލި ކިރުވައިގެން 1,880,700 ރުފިޔާ ވަނީ ހޯދާފައެވެ.
މިފްކޯއިން ބުނި ގޮތުގައި މަސްވެރިން ކިރުވާ މަހަށް ބަރާބރަށް ފައިސާ ދޫކުރުމުގެ ކަންކަން އެ ކުންފުނިން އަންނަނީ ވަރަށް ހަރުދަނާކަމާއެކު ކުރިއަށްގެންދަމުންނެވެ.
ގުޅުންހުރި

މެއި މަހު މިފްކޯއިން މަސްވެރިންނަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

އައްޑޫ ސިޓީއަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތާއި އަދި މިފްކޯއާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް ސިޓީއެއް - އަނަސް

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި




