
-
މި ސަރުކާރުގެ ކެބިނެޓުގައި އެންމެ އިސްކޮށް އަދި އެންމެ ސީނިއާކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒަމީރު ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޒަމީރު ފޮނުއްވި އިސްތިއުފާގެ ސިޓީގައި، މަގާމުން ވަކިވެވަޑައިގަންނަވާ ސަބަބެއްގެ ގޮތުގައި ބަޔާންކުރައްވާފައިވަނީ ސިއްހީ ސަބަބުތަކެއް ކަމަށް ވަނީ އެނގިފައެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ސަރުކާރު އުފެދިގެން އައިއިރު މޫސާ ޒަމީރު އެންމެ ފުރަތަމަ ފުރުއްވީ ފޮރިން މިނިސްޓަރުގެ މަތިވެރި މަގާމެވެ. ނަމަވެސް، ސަރުކާރުގެ ކެބިނެޓަށް ގެނައި ބޮޑު ބަދަލާއެކު 30 ސެޕްޓެމްބަރު 2024 ގައި ޒަމީރު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފައެވެ.
އޭގެފަހުން، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް ގެ ޒިންމާތައް ވެސް ހިމަނައި، އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ސަރުކާރުން އިތުރަށް ފުޅާކުރެއްވިއެވެ.
މި ބަދަލާއެކު، ދައުލަތުގެ މާލީ ސިޔާސަތުތައް ބެލެހެއްޓެވުމުގައި މިނިސްޓަރު ޒަމީރު ފާހަގަކުރެވިގެންދިޔައީ މުޅި ކެބިނެޓުގައިވެސް އެންމެ ނުފޫޒުގަދަ އަދި އެންމެ ސީނިއާކޮށް މަސައްކަތް ކުރެއްވި އެއް ވަޒީރުގެ ގޮތުގައެވެ.
ގުޅުންހުރި

ފިނޭންސް މިނިސްޓަރުކަން ޓެކްސް ކޮމިޝަނަރަށް ހުންނެވި ޒަރީރުއަށް!

ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވައިފި

އެންހޭންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ




