
-
މާލޭގެ މާފަންނު ހަނދުވަރީ ހިނގުމުގައި ހުންނަ، ރާއްޖޭގެ ތާރީޚީ މުހިންމު ބިނާއެއް ކަމަށްވާ ޢީދު މިސްކިތް މަރާމާތުކޮށް، އެތަން ބޭނުންކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެ މިސްކިތަށް ޒިޔާރަތްކުރައްވައި މިސްކިތުގެ މިހާރުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.

މޭޔަރ ޢާޒިމްގެ މި ޒިޔާރަތަކީ މިސްކިތުގައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ މަރާމާތުތައް ދެނެގަތުމަށާއި، ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ކުރެއްވި ޒިޔާރަތެކެވެ.
އެގޮތުން މިސްކިތުގެ ފާހާނާ ބަރީގެ ހާލަތު ބައްލަވައިލައްވައި، ހިނގާބިނގާވެ އުޅުމަށް ދަތި ބަލި މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ރޭމްޕެއް ހެދުމަށާއި، ފާހާނާތައް ބޮޑުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މޭޔަރ ވަނީ ބައްލަވައިލައްވާފައެވެ. މިއީ މިސްކިތަށް ނަމާދަށްދާ އިސްރަށްވެހިންނަށާއި ބަލިމީހުންނަށް އަޅާލުމުގެ ގޮތުން ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރަން ނިންމެވި މަސައްކަތެކެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި މި މިސްކިތަކީ އައްސުލްތާން މުހައްމަދު މުއިން އިސްކަންދަރު، ކަޅު ސުއްދު ކައްތިރި ބަވަނަ މަހާރަދުން ބިނާކުރެއްވި ވަރަށް އަގުހުރި ބިނާއެކެވެ. ހިރިގަލާއި ހައިވަކަރު ބޭނުންކޮށްގެން ހަދާފައިވާ މި މިސްކިތަކީ ދިވެހިންގެ ގަލު ވަޑާމުގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ތަނަކަށް ވާއިރު، މާޒީގައި މާލޭގައި މުޅިންވެސް ޢީދު ނަމާދުކޮށް އުޅުނީ މި މިސްކިތުގައެވެ.
މޭޔަރުގެ މި ޒިޔާރަތުގައި، މި ބިނާއަކީ ދިވެހި ކިޔަވާ ކުދިންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް ދިވެހި ތާރީޚާއި ސަގާފަތް ފެންނަން ހުންނަންޖެހޭ ފަދަ މުހިންމު ތަނަކަށް ވާތީ، މިސްކިތުގެ ތާރީޚީ މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެ ފަދަ ނިޒާމަކާއެކު މިސްކިތް ރަނގަޅަށް ބެލެހެއްޓެންޖެހޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

އީދު މިސްކިތުގެ ޙާލަތު މޭޔަރ އާދަމް ޢާޒިމް ބައްލަވައިލައްވައިފި

ތިމާވެށީގެ ދުވަހުގެ ޚާއްޞަ ރުއް އިންދުމުގެ ޙަރަކާތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

މާލޭ ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހަލާކުވެފައި ހުރި ބޮކިތައް ބަދަލުކޮށްފި




