
ވިލިމާލެ މާރުކޭޓް ގޮޅިތަކުގެ މުއްދަތު ޖުލައިގެ ނިޔަލަށް އިތުރުކޮށް، އައު އުސޫލަކުން އަލުން އިއުލާންކުރަން ނިންމައިފި
# މާލެ ސިޓީ ކައުންސިލް-
ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ، އެ ގޮޅިތައް ހިންގުމުގެ މުއްދަތު ކުރިއަށް އޮތް ޖުލައި މަހުގެ ނިޔަލަށް އިތުރުކޮށް، އައު އުސޫލުތަކެއް ކަނޑައެޅުމަށްފަހު އަލުން ގޮޅިތަކަށް ކުރިމަތިލުމަށް އިއުލާންކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ދެވަނަ ރަސްމީ އާންމު ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ، ވިލިމާލެ މާރުކޭޓު ގޮޅިތަކުގެ މުއްދަތު މި އަހަރުގެ އެޕްރީލް ތިރީހުގެ ނިޔަލަށް ހަމަވެފައިވާތީ އެކަމާ މެދު ކައުންސިލަރުންގެ މެދުގައި ކުރެވުނު ދިގު މަޝްވަރާތަކަށް ފަހުގައެވެ. މީގެ ކުރިން މި މައްސަލަ ނިމިދިޔަ ދައުރުގެ ގިނަ ޖަލްސާތަކެއްގައި ތާވަލުކުރެވުނު ނަމަވެސް، ކައުންސިލަރުން ހާޒިރުނުވުމުގެ ސަބަބުން ޖަލްސާ ނުބޭއްވި، ގޮތެއް ނުނިމި ދިގުލައިގެން ގޮސްފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އަޒީމް ވިދާޅުވީ، ވިލިމާލެ ލޯކަލް މާރުކޭޓަކީ މިހާރު ރައްޔިތުންނަށް އެންމެ އެކަށޭނެ ޚިދުމަތެއް ދެވޭނެ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ތަނެއް ނޫން ކަމަށެވެ. ނަމަވެސް މިހާރު މިއޮތް ކައުންސިލާއެކު ކަންކަން އިސްލާހުކޮށްގެން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ގޮޅިތަކުގެ މުއްދަތާ މެދު ކައުންސިލުން މީގެ ކުރިން އަމަލުކުރަމުން އައީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް މުއްދަތު އިތުރުކޮށްދޭ އުސޫލަކުން ނަމަވެސް، މިފަހަރު އުސޫލަށް ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
މިގޮތުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ ހުށަހެޅުއްވީ، ވަކި މުއްދަތެއް ދިނުމަށްފަހު، އައު އުސޫލުތަކެއް ކަނޑައަޅައި ގޮޅިތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލުމަށެވެ. އަދި އައު އުސޫލުގެ ދަށުން ކުރިމަތިލާއިރު ކުރިން ގަވާއިދުން ކުލި ދައްކާފައިވާ ފަރާތްތަކަށް އިސްކަންދީ ޕޮއިންޓް ދިނުމަށް އޭނާ ހުށަހެޅުއްވި އިސްލާހަށް ގިނަ ކައުންސިލަރުން ވަނީ ތާއީދުކުރައްވާފައެވެ.
ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާޙު ފާހަގަކުރެއްވި ގޮތުގައި، އެ މާރުކޭޓަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށްވެސް އެންމެ އެކަށީގެންވާ ފެންވަރުގެ ތަނެއް ނޫނެވެ. އަދި އެތަނުގެ ސާފުތާހިރުކަންވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާތީ، ގޮޅިތައް އަލުން ކުއްޔަށް ދޫކުރުމުގެ ކުރިން މާރުކޭޓު އިތުރަށް ތަރައްޤީކޮށް އުސޫލުތަކަށް ބަދަލު ގެންނަންޖެހެއެވެ.
މި ބަދަލުތައް ގެނައުމުގައި، ގޮޅިތައް ކުއްޔަށް ނަގާ ފަރާތްތަކުން ތިންވަނަ ފަރާތަކަށް ސަބް-ލީސް ނުވަތަ އެގްރިމެންޓް ނުކުރެވޭނެ ގޮތަށް ގަވާއިދު ހަރުކަށިކުރުމަށާއި، ބިދޭސީން މާރުކޭޓު ގޮޅިތަކުގައި ވިޔަފާރިކުރަން ތިބޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނެ އިންތިޒާމުތަކެއް ކަނޑައެޅުމަށްވެސް ކައުންސިލަރުންގެ މެދުގައި ވަނީ މަޝްވަރާކޮށް އެއްބަސްވެފައެވެ.
ގުޅުންހުރި

ވިލިމާލެ މާރުކޭޓް ގޮޅިތަކުގެ މުއްދަތު ޖުލައިގެ ނިޔަލަށް އިތުރުކޮށް، އައު އުސޫލަކުން އަލުން އިއުލާންކުރަން ނިންމައިފި

ފަހި ފްލެޓް މިލްކުނުވާ ހާލަތްތަކުގައި، ރަށްވެހިންގެ ރަޖިސްޓްރީގައި ތިބޭ މީހުން މާލޭ ދަފްތަރަށް ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމައިފި
.webp&w=3840&q=75)
ދުނިޔޭގެ ބައިސްކަލް ދުވަސް ފާހަގަކުރުމަށް ބޭއްވި ބައިސްކަލް ބުރުގައި މޭޔަރ ޢާޒިމް ބައިވެރިވެވަޑައިގެންފި




