
ތިމާވެށީގެ ދުވަހުގެ ޚާއްޞަ ރުއް އިންދުމުގެ ޙަރަކާތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
# މާލެ ސިޓީ ކައުންސިލް-
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން އިސްނަގައިގެން ބޭއްވި ދިވެހި ރުއް އިންދުމުގެ ޤައުމީ ހަރަކާތުގައި މާލެ ސިޓީ ކައުންސިލުން ޢަމަލީގޮތުން ބައިވެރިވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މި ޙަރަކާތަކީ ދުނިޔޭގެ އެންވާޔަރަމަންޓް ޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިގެން ބޭއްވުނު ބައިނަލްއަގުވާމީ ފެންވަރުގެ ހަރަކާތެކެވެ.
މި ހަރަކާތުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި، ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟްގެ އިތުރުން ހުޅުމާލޭގެ ތިން ދާއިރާގެ ކައުންސިލަރުން ކަމަށްވާ އަހުމަދު ޣާލިބް، އަހުމަދު ސަނީހް ޙަނީފް އަދި ފާތިމަތު ޒަހިއްޔާ ބައިވެރިވެވަޑައިގަތެވެ. މިއީ ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތަކަށް ވާއިރު، އެންވާޔަރަންމަންޓް މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި "5 މިލިއަން ގަސް" ޕްރޮޖެކްޓް ކޮމެޓީންވެސް މިކަމުގައި އިސްކޮށް ބައިވެރިވިއެވެ.
ޒުވާން ޖީލުގެ މެދުގައި ތިމާވެށްޓަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ހުޅުމާލޭގެ 5 ސްކޫލެއްގެ ދަރިވަރުންނާއި، ގާލްގައިޑް އެސޯސިއޭޝަން އަދި މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ މެންބަރުން ވަނީ ވަރަށް ހީވާގީކަމާއެކު އަތުކުރި އޮޅާލާފައެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ އެކި މުއައްސަސާތަކުގެ ބޮޑު އެއްބާރުލުމެއް މި ހަރަކާތަށް ލިބިގެންދިޔައެވެ. އެގޮތުން އެޗްޑީސީ، ވެމްކޯ، އެގްރޯ ނެޓް، އުރީދޫ މޯލްޑިވްސް، އެޗް78، ބޮނަކުއާ، ޓާސްކިން އަދި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައިވެރިވެ، ސަރުކާރުން ފަށާފައިވާ ފެހިކުރުމުގެ ޤައުމީ މަޝްރޫޢަށް ވަނީ ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
ގުޅުންހުރި

އީދު މިސްކިތުގެ ޙާލަތު މޭޔަރ އާދަމް ޢާޒިމް ބައްލަވައިލައްވައިފި

ތިމާވެށީގެ ދުވަހުގެ ޚާއްޞަ ރުއް އިންދުމުގެ ޙަރަކާތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

މާލޭ ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހަލާކުވެފައި ހުރި ބޮކިތައް ބަދަލުކޮށްފި




