
ހައްޖުވެރިންނަށް ޚާއްސަކޮށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ ކްލިނިކްތަކެއް!
# ހައްޖު ކޯޕަރޭޝަން-
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖާޖީން އެނބުރި ޤައުމަށް އަންނަން ފަށާފައިވާއިރު، އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ޞިއްޙީ ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެ އައިސްފައިވާއިރު، މިދުވަސްވަރަކީ ރާއްޖޭގައި ހުމާއި ރޯގާ އިތުރު ދުވަސްވަރަކަށް ވެފައި، ޙައްޖުން އެނބުރި އަންނަ ފަރާތްތަކުގެ މެދުގައިވެސް ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެއްވާފައެވެ.

މިކަމާ ގުޅިގެން ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އަވަސް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ޙައްޖުވެރިންނަށް ޚާއްޞަ ފުލޫ ކްލިނިކެއް މިހާރު ވަނީ ގާއިމުކޮށްފައެވެ.
ހަމައެއާއެކު، އައިޖީއެމްއެޗުންވެސް ވަނީ ޙައްޖާޖީންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ މަގު ފަހިކޮށްދީފައެވެ. އެ ހޮސްޕިޓަލުން ބުނިގޮތުގައި، ބަލީގެ އަލާމާތްތައް ހުރެގެން އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމް (އީއާރް) އަށް ދާ ޙައްޖުވެރިން ޓްރައޭޖް ޓޯކަން ނަގަން ކިއޫގައި މަޑުކުރާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ޓްރައޭޖް ކައުންޓަރަށް ވަޑައިގެން އެއީ ޙައްޖުން އައި ފަރާތެއްކަން ބުނެލުމުން، ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ގައިން ގަޔަށް އަރާ ބަލިތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން އަމިއްލަ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، މީސްމީޑިއާގެ އެކި މަންސަތަކުގައި އެޗްޕީއޭއިން ޝާއިޢުކުރަމުންދާ އިރުޝާދުތަކަށް ބޯލެނބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޚާއްޞަކޮށް ޙައްޖަށްދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނަވުމާއެކު، ހުމާއި ރޯގާގެ ސަބަބުން އެފަދަ ފަރާތްތަކުގެ ބަލިހާލަތު އިތުރަށް ގޯސްވުމުގެ ފުރުޞަތު އޮތުމުން، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ބޮޑަށް ސަމާލުވުމަށް އެޗްޕީއޭއިން ދަނީ ބާރުއަޅަމުންނެވެ.
ގުޅުންހުރި

ހައްޖުވެރިންނަށް ޚާއްސަކޮށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ ކްލިނިކްތަކެއް!

ހުރިހާ ދިވެހި ޙާޖީން ޢަރަފާތު ބިމުގައި: އެޑްމިޓްކުރި ޙާޖީއާއެކު އެންމެންގެ ހާލުވެސް ރަނގަޅު!

ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި




