
-
"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންވެސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ފުރަތަަމަ މި އެޕް ތަޢާރަފް ކޮށްފައިވަނީ ހަމައެކަނި އެޕަލްގެ އެޕްސްޓޯރުން އައިއޯއެސް ޑިވައިސްތަކަށް އެކަނި ނަމަވެސް، މިހާރު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓެކްސީގެ ޚިދުމަތަށް އެދިލެވޭނެއެވެ.
މި އެޕްލިކޭޝަނަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރުކުރާ ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެކެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ދަތުރު ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ. އަދި ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕްލިކޭޝަނުން ބަލައިލެވޭނެއެވެ.
މީގެ އިތުރުން، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނައިރު، ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.





