logoEN
WAMCO TOP 1
ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

6/2/2026, 2:02:55 PM

# އިލެކްޝަންސް ކޮޮމިޝަން

-

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، އެ އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށާއި، އެ ބުރަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

THE TRAVELLER AD

މިދިޔަ އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ދ. މީދޫގެ 'ދ. މީދޫ-2' ނަންބަރު ވޯޓު ފޮށީގެ ބާތިލު ވޯޓެއް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއަކުން (2026/HC-I-SH/2) ސައްޙަ ވޯޓެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން، އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުއެވެ.

މި އިތުރު ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދު ހެނދުނު 10:00 އިން ފެށިގެން، މާދަމާ (2026 ޖޫން 3 ވާ ބުދަ ދުވަހުގެ) މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތަކީ ކުރިން ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެކަނި ހުޅުވާލެވުނު ފުރުޞަތެކެވެ.

މި އިންތިޚާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ފަރާތްތައް ރަޖިސްޓަރީ ވެފައި ހުންނާނީ މާލެއަށެވެ. އަދި ރިސޯޓު، ޖަލު ނުވަތަ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން، މި ބުރުގެ ރަޖިސްޓަރީގައި އޮޓޮމެޓިކުން ބަދަލުވެފައި ހުންނާނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާނަމަ ރީ-ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

ރީ-ރަޖިސްޓަރީ ވާނީ ކިހިނެއް؟

ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅޭނީ އޮންލައިންކޮށް ދެ ގޮތަކަށެވެ:

  • ރީ-ރަޖިސްޓްރޭޝަން ޕޯޓަލް (form.elections.gov.mv): މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، އައިޑީކާޑު ނުވަތަ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ފޯމު ހުށަހަޅާ މީހާގެ ފޮޓޯއެއް ހުށަހަޅަންޖެހޭނެއެވެ.
  • މައި ޕޯޓަލް (my.elections.gov.mv): މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނީ ވެރިފައިޑް (Verified) "އީފާސް" (eFaas) އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު ފޮޓޯ ނުވަތަ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ބަލައިލުމަށް VR (Space) ID-Number ޖެހުމަށްފަހު 1414 އަށް އެސްއެމްއެސްއެއް ފޮނުވުމުން ސާފުވާނެއެވެ. މީގެ އިތުރުން އިލެކްޝަންސްގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް ޗެކްކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އީސީގެ ހޮޓްލައިން ނަންބަރު 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން އެދެއެވެ.

ކޮމެންޓް
ފަހުގެ
HDC