
-
ހުޅުމާލެ ސަހަރާގައި ހުންނަ މަސްޖިދު ޒައިދު ބިން ޘާބިތްގެ ޚިދުމަތްތައް ރަނގަޅުކޮށް، ފެންވަރު މަތިކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ފެށި ބޮޑު މަރާމާތުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިޔަށްދާކަން ކައުންސިލުން ހާމަކޮށްފި އެވެ.

މި މަސައްކަތަކީ އެ މިސްކިތުގެ ހިދުމަތްތައް ރަނގަޅުކޮށް، މިސްކިތުގެ ފެންވަރު މަތިކުރުމަށް މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މަރާމާތުގެ މަސައްކަތެކެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި މިސްކިތުގެ ވުޟޫކުރާ ބައިގެ މުށިތައް ބަދަލު ކުރުމާއި، މުޅި މިސްކިތުގައި ކުލަ ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ވުޟޫކުރާ ބައިގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލުކޮށް، ސީލިންގ ބަދަލުކުރުމާއި މިސްކިތުގެ ދޮރުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މި މަސައްކަތްތައް ކުރުމަށް މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ އޭޒެޑް ކޮންސްޓްރަކްޝަން އާއެވެ. މި މަޝްރޫޢުގެ ދަށުން މިސްކިތުގެ އުމްރާނީ ހާލަތު ރަނގަޅުކޮށް، ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދެވޭނެއެވެ.
ހުޅުމާލެ ސަހަރާ މިސްކިތުގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ބެލުމުގެ ދަށުގައިވާ ހުރިހާ މިސްކިތްތަކަކީ ވެސް ރަނގަޅު ފެންވަރެއްގައި ބަލަހައްޓަންޖެހޭ ތަންތަން ކަމަށެވެ. މި މަރާމާތުގެ މަސައްކަތްތަކަކީ މިސްކިތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ އަދި ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއްކަން މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތައް އެއްކޮށް ނިމުމުން މިސްކިތުގެ ސާފުތާހިރުކަމާއި ރީތިކަން އިތުރަށް ފުރިހަމަވެ، ޖަނާޒާގެ ކަންކަމުގައާއި ނަމާދަށް މިސްކިތަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ގުޅުންހުރި

ހުޅުމާލެ ސަހަރާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިޔަށް!

ހުޅުމާލޭގެ އާ ޖަލު ޔުނިޓަށް ފުރަތަމަ ބެޗްގެ ޤައިދީން ބަދަލުކޮށްފި




