
ކަރަންޓު ކަނޑާނުލާ އިންޖީނުގެ އަޕްގްރޭޓް ކުރުުމުގެ މަސައްކަތް މިއަދަށް ނިންމާލައިފި
# ހުޅުމާލެ# ސްޓެލްކޯހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތުގެ ތެރެއިން- ފޮޓޯ: ސްޓެލްކޯ
ހުޅުމާލެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޓް ކުރުމުގެ މަސައްކަތް މިއަދަށް ނިންމާލައިފި އެވެ.

މި މަސައްކަތް ކޮށްފައިވަނީ އިންޖީނުގޭގެ ޕަވާ ސިސްޓަމް ނިއްވާލައިގެން ރޭ މެންދަމު 3:00 އިން ފެށިގެން ހެނދުނު 8:00 ޖެހުމާ ހަމައަށެވެ.
އެވަގުތު މާލޭގެ ލޯޑް 76 މެގަވޮޓްގައި ހުރިއިރު، މާލެ އަދި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތްކޮށްފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުންނެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ މިއީ އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަރުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން ބާކީ ހުރި މަސައްކަތްތައް ކުރާނެ ތާރީހެއް ކަމޑައަޅާ ކަސްޓަމަރުންނަށް މައުލޫމާތު ދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ދަނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުވެ ހިދުމަތް ހަރުދަނާކޮށް މެދު ނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.





