
އެންސްޕާގެ "މެޑިކަލް ވެލްފެއަރ ސްކީމް" ގެ ޚިދުމަތްތައް މިއަދުން ފެށިގެން އާސަންދައިގެ ދަށަށް!
# އާސަންދަ-
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލަހައްޓަމުން އައި "މެޑިކަލް ވެލްފެއަރ ސްކީމް" ގެ ދަށުން ދެމުންދިޔަ މުހިންމު ޚިދުމަތްތަކެއް، މިއަދުން (1 ޖޫން 2026) ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.

އެންސްޕާއިން ބުނި ގޮތުގައި މި ބަދަލު ގެނައީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ބޭސްފަރުވާގެ އެހީއަށް އެދޭ ރައްޔިތުންނަށް ލުއިފަސޭހަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
އާސަންދައިގެ ދަށަށް ބަދަލުވި މުހިންމު ޚިދުމަތްތައް:
މި ބަދަލާއެކު ދެން ބަލިމީހުންނަށް ބޭނުންވާ ތިރީގައިވާ ކަންކަން ހަމަޖައްސަމުންދާނީ އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުންނެވެ:
- ޚާއްޞަ ބަލިތަކުގެ ބޭސް: ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭހާއި، ގޯޝަން ބަލި ތަޙައްމަލްކުރާ ފަރާތްތަކަށް ބޭސް ގެނެސް ފޯރުކޮށްދިނުން.
- ރާއްޖެއިން ލިބެންނެތް ބޭސް: އެޕްރޫވުޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ނުވަތަ ރާއްޖެއިން ލިބެންނެތް ބޭސްތައް ހޯދުމަށް ދެވޭ އެހީއާއި ފައިސާ.
- ބޭރުން ފަރުވާކުރުމާއި ޓިކެޓް: އާސަންދައިގެ ދަށުން ބޭރަށްދާ މީހުންނަށް އިތުރު ޓިކެޓް ދިނުމާއި، ފަރުވާ ނިންމުމަށްފަހު އެނބުރި ރަށަށް ދިއުމަށް ދެވޭ އެހީ.
- ބޭރުގައި ތިބޭ ދިވެހިންނަށް އެހީ: ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށާއި، އަމިއްލަ ޚަރަދުގައި ބޭރަށްގޮސް އުޅެނިކޮށް ދިމާވާ ދަތިތަކަށް ދޭ އެހީ.
- މެޑިކަލް ސާމާނާއި ޓެސްޓްތައް: އާސަންދައިން ކަވަރ ނުކުރާ ޓެސްޓްތަކަށް އެހީވުމާއި، ފަރުވާއަށް ބޭނުންވާ މެޝިނާއި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެތި ފޯރުކޮށްދިނުން.
- ބޯންމެރޯ ފޮލޯއަޕް: ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ހަދަންޖެހޭ ފޮލޯއަޕްތައް ކުރިއަށްގެންދިއުން.
- މެރަނަ ސްކީމް: ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްޞަ މެރަނަ ސްކީމްގެ ދަށުން އެމަރޖެންސީ ހާލަތްތަކުގައި ކަވަރޭޖް ބޮޑުކޮށްދިނުން.
ސަމާލުކަމަށް: ރިފަރަލް ނިޒާމަށް އައި ބަދަލު
މި ބަދަލާއެކު ރަށަކުން ފޯމު ފުރައިދޭ ޑޮކްޓަރަކީ އެ ބައްޔެއްގެ ޚާއްޞަ (ސްޕެޝަލިސްޓް) ޑޮކްޓަރަކަށް ވާންޖެހެއެވެ. އަދި ރިފަރކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބެންނެތް ނަމަވެސް މާލެއިން ލިބެން ހުރި ފަރުވާއެއް ނަމަ، ބޭރަށް ދިއުމަށް ހުށަހަޅާ ހުށަހެޅުންތައް ރިޖެކްޓްވާނެ ކަމަށް އެޖެންސީން ބުނެއެވެ.
މީގެ އިތުރުން، ވެލްފެއަރ ލިމިޓް ހަމަވެގެން ރީކޮންސިޑަރޭޝަނަށް (އަލުން ބަލައިދިނުމަށް) ހުށަހެޅުމުން، ކޮމިޓީން ދިރާސާކުރުމަށްފަހު ލިމިޓް އިތުރުކޮށްދިނުމުގެ ޚިދުމަތްވެސް ދެން ކުރިއަށްދާނީ އާސަންދައިގެ ދަށުންނެވެ.
މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އާސަންދަ/އެންސްޕާގެ ހޮޓްލައިން ނަންބަރު 1400 ނުވަތަ 1402 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
ގުޅުންހުރި

އެންސްޕާގެ "މެޑިކަލް ވެލްފެއަރ ސްކީމް" ގެ ޚިދުމަތްތައް މިއަދުން ފެށިގެން އާސަންދައިގެ ދަށަށް!

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފި

ހާއްސަ ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި




