
ފެނަކަ 'ރައިޓް ސައިޒް' ކުރުމަކީ މިވަގުތަށް އެންމެ މުހިންމު އެއް މަސައްކަތް - އަފީފް
# ފެނަކަ ކޯޕަރޭޝަން-
ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، ކުންފުނި މާލީ ބޮޑު އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި މުވައްޒަފުންނާ ގުޅިގެން މުހިންމު އިޞްލާޙީ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފް ޙުސައިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ޚާއްޞަ އިންޓަވިއު ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ކުންފުނީގެ ހިންގުމާ ހަވާލުވެވަޑައިގަތްއިރު އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށާއި، ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ މާއްދީ ތަކެތީގެ ސްޓޮކް ހުސްވެފައިވުމުގެ އިތުރުން، މުވައްޒަފުންގެ އަދަދު ވެސް އޮތީ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އެންމެ ރަނގަޅު، އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުންފުނީގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަފީފް ވިދާޅުވިއެވެ. މި ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާއިރު، އެ ބައްދަލުވުންތަކުން ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ ކުންފުނި "ރައިޓް ސައިޒް" ކުރުން ނުވަތަ އެކަށީގެންވާ މިންވަރަކަށް މުވައްޒަފުންގެ އަދަދު ކަނޑައެޅުން ކަމަށް އެމްޑީ ވިދާޅުވިއެވެ. މީގެ އިތުރުން ޚިދުމަތްތައް ޒަމާނީކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިން އެޕްލިކޭޝަންތައް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުންފުންޏާ ހަވާލުވެފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ފެނާއި ނަރުދަމާގެ އިތުރުން ޕީއެސްއައިޕީގެ ދަށުން 35 ރަށެއްގައި 48 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. މީގެ ތެރެއިން 6 ރަށެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގޮސް ނިމުމަކާއި ގާތްވެފައިވާ ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ބޮޑެތި ވައުދުފުޅުތަކާ ގުޅިފައިވާ ކަންކަން ކަމަށްވުމުން، ދައުލަތުގެ އެސްއޯއީތައް މެދުވެރިކޮށް ފެނަކައާ ހަވާލުކުރައްވާފައި ހުރި މަސައްކަތްތަކަށް ވީހާވެސް ބޮޑު އިސްކަމެއް ދީގެން، ކަނޑައެޅިފައިވާ ގޮތަށް ނިންމުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނި ހިންގުމުގައި މާޒީގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ބައެއް މަސައްކަތްތައް ލަސްވެފައިވީ ނަމަވެސް، ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް އެ މަސައްކަތްތައް ނިންމުމަށް ކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުންފުނީގެ ޕަވަރ ޖެނެރޭޝަން އިތުރުކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން އެމްޑީ ފާހަގަކުރެއްވިއެވެ. ރަށްރަށަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދައިދިނުމަށްޓަކައި، މި ސަރުކާރުން ހަވާލުވިއިރު އޯޑަރުދީފައިވާ 45 ޖަނަރޭޓަރުގެ ތެރެއިން ބައެއް ޖަނަރޭޓަރު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، އެ ތަކެތި ލިބެމުންދާ ވަރަކަށް ރާއްޖޭގެ އެކި ރަށްތަކަށް ފޮނުވަމުންދާ ކަމަށް އަފީފް ވިދާޅުވިއެވެ. ފެނަކައިގެ މައިގަނޑު އަމާޒަކީ ރައްޔިތުން ބޭނުންވާ ފެންވަރުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވާއިރު، މި ލަނޑުދަނޑި ޙާޞިލުކުރުމަށް މުޅި ފެނަކަ ޓީމު އެކުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.






