
-
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް މިއަދުގެ 17:45 އިން މިރޭގެ 23:00 އާއި ހަމައަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި، ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އެ އިދާރާއިން ވަނީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ކުރިއަށް އޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.



