logoEN
Sto top
މިފަހަރު ގެމަނަފުށީ ކައުންސިލްގެ ރައީސްކަމަށް ތަޢުލީމާއި ތަޖުރިބާ ހުރި ޤާބިލް ލީޑަރެއް!

މިފަހަރު ގެމަނަފުށީ ކައުންސިލްގެ ރައީސްކަމަށް ތަޢުލީމާއި ތަޖުރިބާ ހުރި ޤާބިލް ލީޑަރެއް!

Admin

logo

4/9/2021, 10:00:51 AM

# ގާފު މަންދޫބުން 2021# އަޙްމަދު ޝާފިއު# ގއ. ގެމަނަފުށީ ކައުންސިލް# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021

shifau

ރައްޔިތުންގެ މަސްލަހަތު ހިމެނޭ މަސްއޫލިއްޔަތު އަދާ ކުރަން އިންތިޚާބު ކުރާ މީހާ ނުވަތަ މީހުންނަކީ ކަމަށް ޤާބިލް މީހުންތޯ ބެލުމަކީ ކޮންމެ އިންތިޚާބަކާ ދިމާކޮށް ބަޙުސް ކުރެވޭ އެންމެ ބޮޑު އެއް މައުޟޫއެވެ. އަނެއްކާވެސް ބޯމަތި ވެފައިމިވަނީ އެފަދަ އިންތިޚާބަކާއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރާތައް ހިންގުމުގެ ގާނޫނަށް ފަހުން ގެނެވުނު އިސްލާހާއެކު ރަށްރަށަށް ވަނީ ބާރުތަކެއް ލިބިގެން ގޮސްފައެވެ. ރަށްރަށުގެ ތަރައްގީއަށް ހިންގަންޖެހޭ މަޝްރޫތައް ހިންގުމަށް މާލީ ގޮތުންނާއި ހިންގުމުގެ ގޮތުންވެސް ބޮޑެތި މިނިވަން ކަމެއް ދީފައެވެ. ރަށްރަށް ތަރައްގީ ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި މިނިވަންކަން ކައުންސިލްތަކަށް ވަނީ ލިބިފައެވެ.

Wamco

އެ ނިޒާމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފިއްޖެނަމަ އަތޮޅު ތެރޭގެ ރަށްރަށަށް ކުރިއެރުމާއި ތަރައްގީ ލިބޭނެ ކަން ކަށަވަރެވެ. ހަމަ އެހެންމެ އެ ބާރުތައް ޙަވާލުކުރެވޭ ކައުންސިލްތަކުގެ މެމްބަރުންނަކީ ޤާބިލް މީހުން ކަމަށް ވެގެން ނޫނީ އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަން ކަށަވަރެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ކައުންސިލްތަކުގެ އިންތިޚާބުގައި ގއ. ގެމަނަފުށީ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އެރަށު ހިދަތޫގޭ, އަޙުމަދު ޝާފިއު އަކީ އެމަގާމަށް އެންމެ ޤާބިލް ކެންޑިޑޭޓުކަން އޭނާ ވަނީ މާޒީގައި ސާބިތުކޮށްދީފައެވެ. ބިޒްނަސްގެ ދާއިރާއިން ޑިޕްލޮމާއާއި ބެޗެލާސް ޑިގްރީ ޙާސިލްކޮށްފައިވާ ޝާފިއު އަކީ ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯލްޑަރެއްވެސް މެއެވެ. ތައުލީމީ ދާއިރާގައި 7 އަހަރު ޚިދުމަތްކުރެއްވި އިރު ބިޒްނަސް ލީޑިންގ ޓީޗަރެއްގެ ގޮތުގައި ގެމަނަފުށީ ސްކޫލަށް 2 އަހަރު އޭނާ ވަނީ ޚިދުމަތްކުރައްވާފައެވެ. އަމިއްލަ ކުންފުނިތަކާއި ޓުއަރިޒަމް ދާއިރާގައިވެސް މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ލީޑަރެކެވެ.

ގެމަނަފުށްޓަށް ޝާފިއުކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި, އެމްއައި ކޮލެޖުގެ ގޮޕެއް އެރަށުގައި ހިންގައި ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް ކޯސްތައް ހިންގާފައިވެއެވެ. އަދި ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުގައި ހަރަކާތްތެރިވެ އިޖްތިމާއީ މަސައްކަތުގައި މުޖުތަމައަށް ފައިދާކުރާނެ އެތައް މަސައްކަތެއްގެ އިސް ސަފުގައި މަސައްކަތް ޝާފިއު ވަނީ ކޮށްފައެވެ.

ގެމަނަފުށްޓަކީ މުޅި ރާއްޖެއަށްވެސް މަޝްހޫރު މަސްވެރި ރަށެކެވެ. ޝާފިއުއަކީ މާސްޓާސް ޑިގްރީއާ އެކު މަހަށްދާ ދިވެހި ޒުވާނާއޭ ދެންނެވިޔަސް ދޮގަކަށް ނުވެދާނެ އެވެ. ޝާފިއުވަނީ ރަށުގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ގެމަނަފުށީ މަސްވެރިން ޖަމިއްޔާގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒުވާން މަސްވެރިން ތަމްރީނު ކުރުމުގެ ހަރަކާތެއް ރަށުގައި ހިންގިއެވެ. އެއިރު ޝާފިއު އަކީ ޖަމިއްޔާގެ ރައީސެވެ. މީގެ އިތުރުން 2017 އަދި 2018 ވަނަ އަހަރުގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ގެމަނަފުށީގައި ފާހަނގަކޮށް މުޅި ރާއްޖެއަށް ގެމަނަފުށީގެ ނަން އިސްތިހާރުކުރިއެވެ. އަދި 2019 ވަނަ އަހަރު އޮސްޓްރޭލިއާގެ 2 ފަތުރުވެރިއަކު ގެމަނަފުށްޓަށް ގެނެސް 25 އަންހެން ފަޅުވެރިންނާއެކު މަހަށް ގޮސް އަންހެނުންގެ ދުވަސް ގެމަނަފުށީގައި ކުލަ ގަދަކޮށް ފާހަނގަ ކުރި އެވެ. އެ ހަރަކާތްވެގެން ދިޔައީ މުޅި ރާއްޖެއާއި, ދުނިޔޭގެ ލޯތައްވެސް އެރަށަށް ހުއްޓުނު ހަރަކާތަކަށެވެ.

ޝާފިއުވަނީ އޭނާގެ މޭސްތިރިކަމުގެ ދަށުން ގެމަނަފުށީ މަސްވެރިންގެ ނަން ދިވެހި މަސްވެރިން ޖަމިއްޔާއަށް ބަދަލުކޮށް ރާއްޖޭގެ މަސްވެރިކަމުގައި މައުލޫމާތު ހިއްސާ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. މީގެ އިތުރުންވެސް ޙާސިލްކޮށްފައިވާ އިލްމުގެ ބޭނުން ހިފައި އޭނާ ދަނީ ޖަމިއްޔާގެ ނަމުގައި ޕްރޮޕޯސަލް ހުށަހަޅައި ރަށުގައި މުހިންމު އިޖްތިމާއީ މަސައްކަތްތައް ކުރުމުގައިވެސް ނަމޫނާ ދައްކަމުންނެވެ.

ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާ، ޒުވާން މަސްވެރިޔާ. ރަޓުރަހަ ފަދަ ބްރޭންޑްތަކަކީ ގެމަނަފުށީގެ އިތުރުން މުޅި ރާއްޖެވެސް ދަންނަ ފަރިތަ އަދި މަގްބޫލު ބްރޭންޑްތަކެކެވެ. މިއީ ޝާފިއުގެ ދުރުވިސްނުމުގެ ތެރެއިން ޝާފިއުގެ މޭސްތެރިކަމުގައި އުފައްދައި ތަރައްޤީ ކޮށްފައިވާ ގެމަނަފުށްޓަށް ނިސްބަތްވާ ބްރޭންޑުތަކެކެވެ.

ގެމަނަފުށީ ޒުވާންގެ ޒިންމާދާރު ދައުރާއެކު ގެމަނަފުށިން މިއަދު ފެންނަ އިގްތިޞާދީ ފަހިކަމުގެ ހަގީގީ އުފެއްދުންތެރިއަކީ ޝާފިއު ކަމަށް ގެމަނަފުށީ ހުރިހާ ވިސްނުމެއްގެ ރައްޔިތުންވެސް ޤަބޫލުކުރެއެވެ.

ތަސައްވުރު

ޝާފިއު އެދެނީ ޢިލްމީ، ހިންގުންތެރި، ދުރުވިސްނޭ އަދި ހުރިހާ ރައްޔިތުން ގޮވައިގެން އެރައްޔިތުން އެދޭ މަންޒިލަށް އަމާންކަމާއި އޮމާންކަމާއެކު ގެމަނަފުށި ގެންގޮސް ދޭނެ މީހަކާ ގެމަނަފުށި ހިންގަން ޙަވާލު ކުރުމަށެވެ. ގެމަނަފުށީގެ ރައްޔިތުންނާއި އަންނަން އޮތް ޖީލަށްޓަކައެވެ. ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް އެރަށުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެންތައް ޙަގީގަތަކަށް ހަދައިދެވޭނެ ޢިލްމީ ޤާބިލު ސިކުނޑިއެއްގެ ވެރިއަކީ ޝާފިއުކަން ކަށަވަރެވެ.

ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރަށުގެ ޒުވާނުންނަށް ޚާއްސަ ތަސައްވުރުތަކެއް ޝާފިއުގެ އެބަހުއްޓެވެ.

މާލޭގައި ބާއްވާ ބޮޑު ފުޓްސަލް މުބާރާތެއްގައި ގެމަނަފުށީގެ ނަމުގައި ޒުވާނުންގެ ޓީމެއް ކައުންސިލްގެ ޚަރަދުގައި ބައިވެރިކޮށްދޭން. (ޓްރެއިނިން އާ އެކު)

ކޮންމެ މަހަކު ފުރަތަމަ ހަފްތާގައި ކައުންސިލުން ބާއްވާ ރަސްމީ ބައްދަލުވުމުގައި ޒުވާނުން ބައިވެރިކޮށް ބޭނުންވާ ކަންކަމަށް ކައުންސިލުން އެއްބާރުލުން ދިނުން

އަންހެން ބޭފުޅުންނަށް ފުޓްސަލް ދަނޑާއި އިންވެގެން އޮތް ހުސް ބިމުގައި "ހޭންޑް ބޯލް" ކޯޓެއް 120 ދުވަސް ތެރޭގައި ތައްޔާރުކޮށްދިނުން

ނެޓް ބޯޅަ ކޯޓެއް އަޅައި ދިނުން

ޒީރޯ އަދި މާރެހާ ވިއުގައި ބީޗް ވޮލީ ކޯޓެއް އަޅައި ދިނުން

ޖަމިއްޔާތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުން (ޕްރޮޕޯސަލް ލިޔެދީ ޕްރޮޖެކްޓްތައް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދިނުން)

ތަމްރީނު ފުރުސަތުތަކާއި ކުރު ކޯސްތައް ހިންގުން

ގެމަނަފުށީ ކައުންސިލް ރައީސްގެ މަގާމަށް ޝާފިއު ކުރިމަތިލީ އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ ކަމުގެ ޔަގީންކަމާއި އެކުއެވެ. ގެމަނަފުށީގެ ޖަމިއްޔާތަކާއި ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމުގައި އަމަލީ ގޮތުން ބައިވެރިވެ، ބޭނުންވާ ދާއިރާތަކުން ކަންކަން ކޮށްދޭނެކަމަށް ސިޔާސަތުތައް ހުށަހަޅަނީ އަމަލީ ތަޖުރިބާއިން މަސައްކަތްކޮށް އެ ފުރުސަތުތައް ހޯދައިދެވެނެ ކަމުގެ ޔަގީންކަމާއިއެކު އެވެ.

ޝާފިއުގެ ކެންޑިޑޭޓް ނަމްބަރަކީ 07 އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC