logoEN
WAMCO TOP 1
ހުޅުމާލޭގެ އިގްތިސާދު ބަދަލުކޮށްލާނެ ބޮޑު ނިންމުމެއް: އަމިއްލަ ގޯތިތައް ވިޔަފާރިއަށް ހުޅުވާލަނީ!

ހުޅުމާލޭގެ އިގްތިސާދު ބަދަލުކޮށްލާނެ ބޮޑު ނިންމުމެއް: އަމިއްލަ ގޯތިތައް ވިޔަފާރިއަށް ހުޅުވާލަނީ!

އަހުމަދު ޝުރާއު

logo

7/6/2026, 7:23:06 AM

# ހުޅުމާލެ

-

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެކި ކަހަލަ ޚިދުމަތްތައް، އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައި ވެސް ދެވޭގޮތަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ ބޮޑު މަޝްރޫއު އެއްކޮށް ނިންމައި، އެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް މިހާތަނަށް ދެހާހަށްވުރެ ގިނަ ގޯތި ވަނީ ރަސްމީކޮށް ދޫކޮށްފައެވެ. އަދި މިހާރުގެ އުސޫލުތައް އޮތްގޮތުން އެ ބިންތަކަކީ ހަމައެކަނި ރެޒިޑެންޝިއަލް ބޭނުމަށް ބޭނުންކުރެވޭ ގޮތަށް ހުރި ބިންތަކެއް ނަމަވެސް، އެ ތަންތަނުގައި ޕްރައިވެޓް ސެކްޓަރުން ބޮޑެތި އިންވެސްޓުތައް ކޮށްގެން އާންމު ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ރަށުގެ ތަރައްގީއަށް ނުހަނު މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވެރިކަން ކުރާ މާލޭގައި ވެސް އަމިއްލަ މީހުންގެ އަމިއްލަ ބިންތަކުގައި މިފަދަ އެކި ކަހަލަ ވިޔަފާރިތަކާއި ޚިދުމަތްތައް ދިނުމުގެ ފުރުސަތު އޮންނައިރު، ހުޅުމާލޭގައި ވެސް އެ ފުރުޞަތު ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ ސަބަބުން ބިން ލިބިފައިވާ އާންމު ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ވުމުގެ އިތުރުން، ހުޅުމާލޭގެ މުޅި އިޤްތިޞާދު މިހާރަށްވުރެ ބޮޑަށް ތަނަވަސްވެ، އައު ވަޒީފާތަކާއި ފުޅާ ވިޔަފާރިތައް އުފެދިގެންދާނެ ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިވަގުތު ދެވަނަ ފިޔަވަހީގައި ޕްރައިވެޓް ހޮސްޕިޓަލެއް ފަދަ ތަނެއް އަޅަން ބަޔަކު ބޭނުންވި ކަމުގައި ވީނަމަވެސް، އެކަމެއް ކުރަން މި ޖެހެނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަކިން ބިމެއް ދީގެން ކަމަށެވެ.

އެހެންނަމަވެސް، އާއްމު ރައްޔިތުންނަށް ދޫކޮށްފައިވާ ދެހާހަށްވުރެ ގިނަ ގޯތިތަކުގެ ތެރޭގައި ވެސް މިފަދަ ޚިދުމަތްތައް ދިނުމުގެ ފުރުޞަތު ފަހިކުރެވެންޖެހޭނެ ކަމަށާއި، ސަރުކާރުން މަސައްކަތްކުރާނީ ހުޅުމާލޭގައި ހުރި ބިންތަކުން ރައްޔިތުންނަށް ފަސޭހަކަމާއި ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތަށް ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކަމަށް ވަޒީރު ޔަގީންކަން ދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC