ކަރަންޓުގެ ވިއުގަ ވަރުގަދަކުރަން ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ހޮނިހިރު ފަތިހު ނިއްވާލަނީ!
# ސްޓެލްކޯ-
މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވާ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ މެންދަމުން ފެށިގެން ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މި މުހިންމު މަސައްކަތް ފުރިހަމަކުރުމަށްޓަކައި އަންނަ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި އަޕްގްރޭޑްގެ ސަބަބުން އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމުގެ ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓު ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ބޭނުންކުރާ މިންވަރު އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ނަމަވެސް މަސައްކަތް ކުރަން ކަނޑައަޅާފައިވާ ވަގުތަކީ އާންމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ޚިދުމަތަށް ކުރާނެ އަސަރު ވަރަށް ކުޑަވާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. ސްޓެލްކޯގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ ވެސް އަވަހަށް މަސައްކަތް ނިންމައި، ވީއެންމެ އަވަހަކަށް ޚިދުމަތް އާންމު ހާލަތަށް ގެނައުމެވެ.
ގުޅުންހުރި
ކަރަންޓުގެ ވިއުގަ ވަރުގަދަކުރަން ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ހޮނިހިރު ފަތިހު ނިއްވާލަނީ!

ލަންކާ ހައި ކޮމިޝަންއިން ބްލަޑް ކޭމްޕެއް ބޭއްވުމަށް ނިންމައިފި

ސްޓެލްކޯ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި




