
-
ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ފަހު ގުރޫޕު މިއަދު ހެނދުނު ފުރައިފިއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގައި މިއަދު ހެނދުނު 253 ޙައްޖުވެރިން ވަނީ ފުރާފައެވެ. މިއާއެކު މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ އެންމެހާ ޙައްޖުވެރިން މިވަނީ ރާއްޖެއިން ފުރާފައެވެ.
އެގޮތުން ފުރަތަމަ ތިން ގުރޫޕުގެ ޙައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ފުރަތަމަ ޢުމްރާވެސް ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިވަގުތު މައްކާގައި ތިބި އެންމެހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ނިންމުމަށްފަހުގައެވެ.






