
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އަމިއްލަ ފުޅަށް އިސްތިއުފާ ނުދެއްވި: އިތުބާރުނެތްކަމުގެ ވޯޓަށް ޕީއެންސީން ސޮއި ހަމަކޮށްފި
# ރައްޔިތުންގެ މަޖިލިސް--
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އޭނާ ނިސްބަތްވާ ކޮންގްރެސް ޕާޓީގެ ތެރެއިން ސޮއި ހަމަކޮށްފި އެވެ.

އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ވަނީ ރަސްމީކޮށް ނިންމައި އެކަން ޕީޖީ ގްރޫޕުގެ ބައްދަލުވުމުގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ. އަދި އެކަމަށްޓަކައި ހުށަހަޅަންޖެހޭ ގަރާރަށް ބޭނުންވާ ސޮއި މިހާރު ހަމަކޮށްފައިވާއިރު މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އެ ގަރާރު މަޖިލީހަށް ހުށަހަޅަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ކުއްލި ގޮތަކަށް ނާޒިމް މަގާމުން ވަކިކުރަން ނިންމި ސަބަބެއް އަދި ހާމަވެފައިނުވާއިރު މައުލޫމާތު ލިބޭގޮތުގައި ނާޒިމް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ޕީއެންސީގެ އިސްވެރިން ހުށަހެޅެއްވި ކަމަށް ރާއްޖޭގެ ބައެއް މީޑީއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ޕީއެންސީންވެސް ރަސްމީކޮށް ކަށަވަރުކޮށްނުދެއެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ. ނަމަވެސް މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން 76 މެމްބަރުންނަކީ ޕީއެންސީގެ މެމްބަރުންނެވެ.
ނާޒިމް ވަކިކުރަން ނިންމާފައި މިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު ޕީއެންސީގެ މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުންވެސް މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އޭނާ ބޭރުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.
ގުޅުންހުރި

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އަމިއްލަ ފުޅަށް އިސްތިއުފާ ނުދެއްވި: އިތުބާރުނެތްކަމުގެ ވޯޓަށް ޕީއެންސީން ސޮއި ހަމަކޮށްފި




