
ފުލުހުންގެ ޚާއްޞަ ޤާބިލްކަން އިތުރުކުރުމަށް ބާއްވާ ފުރަތަމަ "ސްވަޓް ބޭސިކް ޓްރޭނިންގ" ދ. ވާނީގައި ފަށައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ދިވެހި ފުލުހުންގެ ޚާއްޞަ ޤާބިލްކަން އިތުރުކުރުމަށާއި ހުނަރުވެރި ފައުޖެއް ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ "ސްވަޓް ބޭސިކް ޓްރޭނިންގ - 01" ދ. ވާނީ ކެމްޕަހުގައި ރަސްމީކޮށް ފަށައިފިއެވެ.

ފުލުހުން ބުނީ މިއީ ދިވެހި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތަކުގެ ޤާބިލްކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފެށިގެންދިޔަ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްވަޓް ޓީމު ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ކުރިމަތިލި 57 ކެންޑިޑޭޓުންގެ ތެރެއިން ޕްރީ-އެސެސްމަންޓްތަކަކަށްފަހު ހޮވުނީ 18 ފުލުހެކެވެ. މި ފަރާތްތަކަކީ ތަމްރީނުގައި ބައިވެރިވުމުގެ ކުރިން ބޭއްވުނު 7 ދުވަހުގެ ޕްރީ-އެންޓްރެންސް ތަމްރީނުތައް ފުރިހަމަކޮށްފައިވާ ފުލުހުންނެވެ.
ޖުމްލަ 92 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބުރަ ތަމްރީނު ކޯހުގައި 10 އޮޕަރޭޝަނަލް މޮޑިއުލްއެއް ހިމެނެއެވެ. މި މޮޑިއުލްތައް ފަރުމާކޮށްފައިވަނީ ބައިވެރިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި، ޓެކްޓިކަލް ހުނަރުތަކާއި، އަދަބު އަޚްލާޤުގެ އިތުރުން ކުއްލި ނުރައްކާތެރި އަދި ބޮޑެތި ޕްރެޝަރުތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި ފައިދާހުރި ގޮތެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން އިތުރުކުރުމަށެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކުއްލި ހާލަތްތަކާއި ނުރައްކާތެރި ހާދިސާތަކަށް ފަންނީ ގޮތުންނާއި ހިތްވަރާއެކު އިޖާބަދެވޭނެ ފަދަ މަތީ ފެންވަރުގެ ހުނަރުވެރި އޮފިސަރުންތަކެއް ދިވެހި މުޖުތަމައުގެ ސަލާމަތަށްޓަކައި ބިނާކުރުން ކަމަށެވެ.
ގުޅުންހުރި

ފުލުހުންގެ ޚާއްޞަ ޤާބިލްކަން އިތުރުކުރުމަށް ބާއްވާ ފުރަތަމަ "ސްވަޓް ބޭސިކް ޓްރޭނިންގ" ދ. ވާނީގައި ފަށައިފި

ވާދޫ ކައިރިއަށް ރާޅާ އަޅަން ފައިބައިގެން އުޅެނިކޮށް ގެނބުނު ފަތުރުވެރިޔާ މަރުވެއްޖެ

ގދ ވާދޫގައި ރާޅާ އަޅަން ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ: ހާލު ސީރިއަސް، ފަރުވާއަށް ސިއްހީ މަރުކަޒަށް!




