
-
ތަފާތު ގިނަ ހަރަކާތްތަކާއެކު "އަވަށްޓެރި މޫދު މަހާސަމާ'' ކުރިއަށް ގެންގޮސްފިއެވެ.

މެއި 16 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 16:30 އަށް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ފޭސް 1 އަކުއަރ އެެރީނާ ވޯޓަރ ޕާކުގައެވެ.
ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ހުޅުމާލެ ފުލުހުންނާއި ފުލުހުންގެ އެހެނިހެން ޑިޕާޓްމަންޓުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި އާންމު ރައްޔިތުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެއެވެ.
މި ހަރަކާތުގައި، ފުލުހުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އަދި މުޖުތަމައުގައި ހިނގާ ކުށްތަކާއި، ނޭދެވޭ ކަންކަމާ ގުޅޭގޮތުން، ހުޅުވާލެވިފައިވާ އެކުވެރި މާހައުލެއްގައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ފުލުހުންގެ ފަރާތުން މުޖުތަމައުގައި ރައްކާތެރިކަން ލިބިފައިވާކަން އަންގައިދިނުމާއެކު، ފުލުހުންނަކީ އެކުވެރިކަމާއި އޯގާތެރިކަމާއެކު ކުދިންނަށް ރައްކާތެރިކަން ގާއިމުކޮށްދޭނެ ބައެއްކަން އުފާވެރި މާހައުލެއްގެ ތެރެއިން އެ ކުދިންނަށްް އަންގައިދީފައިވެއެވެ.
މި ހަރަކާތުގައި، ކުޑަކުދިންނާއި އާއިލާތައް އެކުގައި ބައިވެރިވެވޭނެ ފަދަ، މޫދާއި އެއްގަމުގެ ތަފާތު ކުޅިވަރުތަކާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމާއި ހާއްސަ ގޮތެއްގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ ގޮތް ކުޑަކުދިންނަށް ކިޔައިދީފައިވެއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވި ކުދިންގެ ތެރެއިން ގުރުއަތުން ހޮވުނު ކުދިންނަށް ގިފްޓް ވައުޗަރ ހަވާލުކޮށްފައިވެއެވެ. އަދި ކާމިޔާބުކަމާއެކު މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ފުލުހުންނަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އަކުއަރ އެރީނާ، މޯލްޑިވްސް ވޯޓަރ ސްޕޯޓްސް، އަލޯހާ ވޯޓަރ ސްޕޯޓްސް، ޑީޕް ބްލޫ އެކްސްޓްރީމް ވޯޓަރ ސްޕޯޓްސް، މޫދު ކުލަބު، އެޗްޑީސީ، އައިލެންޑް ޕަރފިއުމް، ކުރޮސް ރޯޑް، ކެފޭ ލަރ، ރެޑް ސްނެޕަރ، އެސްޓީއޯ އަދި އައިލެންޑް އެޕެރަލްސް ހިމެނެއެވެ.
މި ހަރަކާތް ކާމިޔާބުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވެސް މި ޚިދުމަތުން ހާއްސަ ޝުކުރެއް ދަންނަވަމެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން، ރައްކާތެރި މާހައުލެއްގައި ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެންދެއެވެ. އަދި ފުލުހުންނާއި އާންމު ރައްޔިތުންނާއި އެހެނިހެން ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް މަގުފަހިވެގެންދެއެވެ.
ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ހަރަކާތަކީ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށް، އެއްބަޔަކު އަނެއްބަޔަކަށް ދެކެފަރިތަވެ އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއި އުފާވެރި މާހައުލެއްގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ މަގުފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ގުޅުންހުރި

ގިނަ ހަރަކާތްތަކާއެކު "އަވަށްޓެރި މޫދު މަހާސަމާ'' ކުރިއަށް ގެންގޮސްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފި

ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރުކޮށްފި




