
ނަޕޯލީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވުމުން، ހޮއިލަންޑްގެ އެއްބަސްވުން ދާއިމީވެއްޖެ
# ނަޕޯލީ# ބޭރު ދުނިޔޭގެ ކުޅިވަރު# އިޓާލިއަން ސެރިއޭ# ޕީސާރަސްމުސް ހޮއިލަންޑް
އިޓާލިއަން ސެރީއޭގައި އާދިއްތަ ދުވަހު ހަވީރު ރަށުން ބޭރުގައި ޕީސާ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނަޕޯލީ އިން ލީގުގައި ބާކީ އެއްމެޗު އޮއްވައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށްވަރުކޮށްފިއެވެ.

މިއާއެކު މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އެ ޓީމަށް ލޯނު އުސޫލުން ބަދަލުވި ޑެންމާކު އުމުރުން 23 އަހަރުގެ ފޯވާޑް ރަސްމުސް ހޮއިލަންޑާއެކު އެކުލަބުން ހަދާފައިވާ އެއްބަސްވުން ވަނީ ދާއިމީ ވެފައެވެ.
ޕީސާގެ ސްޓޭޑިއޯ ރޮމިއޯ އަންކޮނެޓާނީގައި ކުޅުނު މި މެޗުގައި މިދިޔަ ސީޒަނުގެ ޗެމްޕިއަން ނަޕޯލީގެ ފަރާތުން ތަފާތު މޮޅު ކުޅުނެއް ފެނިގެންދިޔައިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްކޮޓްލޭންޑް މިޑްފިލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ.
މިއީ ހޮއިލަންޑް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ ކޮސޯވޯ ޑިފެންޑަރު އާމިރް ރަހްމާނީ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފިލްޑަރު އެލްޖިފް އެލްމަސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގައި ނަޕޯލީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ. މިއީ މި ސީޒަނުގެ ސެރިއޭގައި ކުޅުނު 32 މެޗުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
މީގެ ކުރިން އެޓަލާންޓާގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު 64 މިލިއަން ފައުންޑްގެ ޓްރާންސްފާ ފީއެއްގައި ހޮއިލަންޑް ޔުނައިޓެޑަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އަދި މިދިޔަ އަހަރު ނަޕޯލީއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވުމަށްފަހު އެޓީމަށް ކުޅެދިން 43 މެޗުގައި 15 ލަނޑު ޖެހުމުގެ އިތުރުން ހޮއިލަންޑް ވަނީ އިތުރު އަށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 37 މެޗުން ނަޕޯލީއަށް 73 ޕޮއިންޓް ލިބިފައިވާއިރު. ތިންވަނައިގައި އޮތް އޭސީ މިލާން އަދި ހަތަރުވަނައިގައި އޮތް ރޯމާއަށް 37 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. އަދި ޗެމްޕިއަންސް ލީގުގެ ޖާގައަކަށް މިވަގުތު ވާދަކުރަމުން އަންނަ ކޯމޯ އަދި ޔުވެންޓަސްއަށް 37 މެޗުން ހޯދިފައިވަނީ 68 ޕޮއިންޓެވެ.
މީގެ އިތުރުން މިނަތީޖާއެކު ނަޕޯލީއަށް ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވުމުން، ޔުނައިޓެޑާއެކު ނަޕޯލީ އިން ވެފައިވާ އެއްބަސްވުމުގައިވާގޮތަށް 38 މިލިއަން ޕައުންޓްގެ ފީއަކަށް ހޮއިލަންޑާއެކު ވެފައިވާ އެއްބަސްވުން ދާއިމީކުރަން އެކުލަބަށް ވަނީ މަޖުބޫރުވެފައެވެ.
ގުޅުންހުރި

ނަޕޯލީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވުމުން، ހޮއިލަންޑްގެ އެއްބަސްވުން ދާއިމީވެއްޖެ

ފޮރެސްޓް ބަލިކޮށް ޔުނައިޓެޑުން ލީގުގެ ތިންވަނަ މަގާމް ޔަގީންކޮށްފި

އަލް ނަސްރު ބަލިކޮށް ގެމްބާ އޮސާކާ އިން އޭޝިއަން ޗެމްޕިއަންސް ލީގު 2 ކާމިޔާބުކޮށްފި




