
ފޮރެސްޓް ބަލިކޮށް ޔުނައިޓެޑުން ލީގުގެ ތިންވަނަ މަގާމް ޔަގީންކޮށްފި
# ނޮޓިންހަމް ފޮރެސްޓް # ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓާ ޔުނައިޓެޑާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ތިންވަނަ ކަށަވަރުކޮށްފިއެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލޫކް ޝޯ އެވެ.
ފޮރެސްޓުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު މޮރާޓޯ އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ޔުނައިޓެޑްގެ ބްރެޒިލް ފޯވާޑް މެތިއަސް ކުންޔާ ވަނީ ލަނޑެއް ކާމިޔާބުކޮށް އަލުން ޔުނައިޓެޑަށް ލީޑު ހޯދައިދީފައެވެ.
ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ކެޕްޓަން ބުރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމު ކެމަރޫން ފޯވާޑް ބްރަޔަން އެމްބޫމޯ އެވެ. އަދި މިއީ މިސީޒަނުގައި ބުރޫނޯގެ 20 ވަނަ އެސިސްޓެވެ.
މިއާއެކު ޕްރެމިއާ ލީގުގައި އެއްސީޒަނެއްގައި 20 އެސިސްޓް ހަމަކޮށްގެން ތިއެރީ ހެންރީ އާއި ކެވިން ޑިބްރޭނާ ހަދާފައިވާ ރެކޯޑާއި ބުރޫނޯ ވަނީ އަރާ ހަމަކޮށްފައެވެ. އަދި ލީގު ފަހު މެޗުގައި ބްރައިޓަން އާއި ދެކޮޅަށް މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ޔުނައިޓެޑުން ކުޅޭ މެޗުގައި އިތުރު އެސިސްޓަކާއެކު މިރެކޯޑް އައުކުރުމުގެ ފުރުސަތު ބުރޫނޯއަށް އެބައޮތެވެ.
މިމެޗުގައި ފޮރެސްޓުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު މޯގަން ގިބްސް ވައިޓް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު 37 މެޗުން އެޓީމަށް 68 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އެއްމެޗު އޮއްވައި އެޓީމުން ވަނީ ތާވަލުގެ ތިންވަނަ ޔަގީންކޮށްފައެވެ. އަދި މިމެޗުން ބަލިވި ފޮރެސްޓުން ލީގުގައި ކުޅުނު 37 މެޗުން ހޯދި 43 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެެވެ.






