
-
ދާދި ފަހުން ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ވަނީ، ޝްރެޑެޑް ނުވަތަ ކުނޑިކޮށްފައިވާ ފައިސާގެ ނޫޓުތައް ބޭނުންކޮށްގެން ހަނދާނެއްގެ ގޮތުގައި ރައްކާކުރެވޭނެ ސުވެނިއަރ ފަރުމާކުރުމަށާއި އަސާސީ މާއްދާއެއްގެ ގޮތުގައި ކުނޑިކޮށްފައިވާ ނޫޓު ބޭނުންކޮށްގެން އާޓްވޯކް އުފެއްދުމުގެ މުބާރާތެއް އިއުލާންކޮށްފައެވެ.

މި މުބާރާތްތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި އެ އޮތޯރިޓީން އިއުލާންކުރުމާއެކު އެއަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތަކުގައި ނޫޓު ހަލާކުކުރަނީތޯ، ވީދައި ކުދިކުރުމަކީ މަނާކަމެއް ނޫންތޯ، މި ފަދަ ސުވާލުތަކެއް ކުރިއެވެ.
އެހެންކަމުން، އާންމު ގޮތެއްގައި އެމްއެމްއޭއިން އެ އޮތޯރިޓީއަށް ލިބޭ ބާވެ ހަލާކުވާ ނޫޓުތަކާމެދު އަމަލުކުރާ ގޮތަށް ބަލައިލާނަމެވެ. އޭގެ ކުރިން މުހިންމު ސުވާލެއްގެ ޖަވާބެވެ. އާއެކެވެ. ނޫޓު ވީދައި ޝްރެޑްކޮށް ކުނޑިކޮށް ކުދިކުދިކޮށް ނުވަތަ އެ ނޫން ވެސް ގޯނާއެއް ނޫޓުތަކަށް ކޮށްގެން ނުވާނެއެވެ. އެއީ ކުށެކެވެ. ދެން އޮތީ މި މުބާރާތުގައި ބޭނުންކުރާ ކުނޑިކޮށްފައިވާ ފައިސާއެވެ. އެ ކުނޑިތައް އުފެދިގެން އަންނަ ގޮތް ތަފްސީލުކޮށްދޭނަމެވެ.
ބާވެ ހަލާކުވެފައިވާ ނޫޓުގެ އެތައް ނޫޓެއް ކޮންމެ އަހަރަކު ވެސް އެމްއެމްއޭއަށް ލިބެއެވެ. ފާއިތުވި ދެ އަހަރަށް އެކަނި ބެލިޔަސް މި އަދަދު އެއް މިލިއަން ނޫޓަށް ވުރެ ގިނައެވެ. އެމްއެމްއޭގެ 2025ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާ ގޮތުން، އެ އަހަރު 938،033 ނޫޓު ކުނޑިކުރެވުނެވެ. މިއީ އާންމު ވިޔަފާރީގެ ބޭނުމުގައި ބޭނުންކުރެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި ހުންނަ ނޫޓެވެ. ކުލަ ކެހިފައި ނުވަތަ ފަނޑުވުމެވެ. ވީދައިގެން ދިއުމެވެ. ބައެއް ފަހަރު އަނދާފައި ވެސް ހުރެއެވެ. ޖީބަށް ލުމާއި ބޮޑިކޮށްގެން ގެންގުޅުމުގެ ސަބަބުން ބޮޑަށް ރޫޖެހި ހަލާކުވުމެވެ. އޭޓީއެމް ގަބޫލުނުކުރާ ވަރަށް ހަލާކުވެފައި ހުންނަ ނޫޓުތަކެވެ.
މި ފަދަ އެތައް ނޫޓެއް ކޮންމެ ދުވަހަކު ވެސް އާންމުންނާއި ވިޔަފާރިވެރީން އަދި ބޭންކުތަކުން ވެސް އެމްއެމްއޭއަށް ގެނެއެވެ. މިއިން ކޮންމެ ނޫޓަކަށް ބަދަލުދިނުމަށް ފަހު އެ ހަލާކުވެފައި ހުންނަ ފައިސާތައް އެމްއެމްއޭގައި ހުންނަ ނޫޓުގެ ފެންވަރު ޗެކުކުރާ މެޝިނަކަށް ލެވެއެވެ. މި މެޝިނުން އެ ނޫޓުތައް ޗެކްކުރުމަށް ފަހު އަލުން އަނބުރާ ބާޒާރަށް ނެރޭވަރަށް ވުރެ ފެންވަރު ދަށް ކަމަށް ކަނޑައަޅައި ވަގުތުން ކުނޑިކުރެއެވެ.
އެމްއެމްއޭއިން އިއުލާންކޮށްފައިވާ މުބާރާތްތަކުގައި ސްވެނިއަރ އަދި އާޓްވޯކް އުފައްދާނީ މި ގޮތަށް ކުނޑިކުރެވޭ ފައިސާއިން އުފެދޭ ކުނޑީގައެވެ. އެއްގޮތަކަށް ވެސް އައު ނޫޓުތަކެއް ކުނޑިކޮށް ވީދައި ހަލާކުކޮށްގެންނެއް ނޫނެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުގައި، މި މުބާރާތްތަކުގައި ބައިވެރިވުމަށް ފުރަތަމަ ރަޖިސްޓަރީކުރަން ޖެހެއެވެ. އެއަށްފަހު ހުށަހަޅާފައިވާ ޕްރޮޕޯސަލާއި ކޮންސެޕްޓްތަކަށް ބަލައި ޝޯޓްލިސްޓްކުރެވިގެންދާއިރު، އަދި ޝޯޓްލިސްޓްވާ ފަރާތްތަކަށް ޕްރޮޓޯޓައިޕް ހެދުމަށާއި އާޓްވޯކް އުފެއްދުމަށް އެ އޮންނަ އުސޫލެއްގެ ތެރެއިން ފައިސާ ނޫޓުގެ ކުނޑި ހަވާލުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ސްވެނިއަރ ޑިޒައިން ކުރުމާއި އާޓްވޯކް، މި ދެ ކެޓަގަރީން ވެސް 1، 2 އަދި 3 ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބިގެންދެއެވެ. މި މުބާރާތްތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި މިހާރު ވަނީ 31 މޭ 2026ގެ ނިޔަލަށް އިތުރުކޮށްފައެވެ.






