
-
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްފި އެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި މުއްދަތު އިތުރުކޮށްފައިވަނީ މި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
އެމްއެމްއޭއިން ބުނީ އެއީ އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ މުވައްސަސާތަކާއި އިދާރާތަކަށް ރަޖިސްޓްރީވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ.
މި އަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
މިއީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށާއި، މާލީ ހިދުމަތްދޭ ފަރާތްތަކާ އެއްތަނަކުން ބައްދަލުކޮށް، އެ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމަށް އެމްއެމްއޭ އިން އިންތިޒާމުކުރާ ހަރަކާތެކެވެ.މި އެކްސްޕޯއަކީ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ އެހެނިހެން އިދާރާތަކަށް އެ ފަރާތްތަކުގެ ހިދުމަތްތައް ދައްކާލުމަށާއި ކަސްޓަމަރުންނާ ސީދާ ބައްދަލުކޮށް މައުލޫމާތު ބަދަލުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
2015 އަދި 2017 ވަނަ އަހަރު އެކްސްޕޯ އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ މުއައްސަސާތަކުން އާ ހިދުމަތްތަކާއި މުހިންމު އެތައްކަމެއް ތައާރަފުކުރާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެކްސްޕޯގެ އިތުރުން މާލީ އިދާރާތަކުން ދޭ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްއެމްއޭ އިން ވަނީ ، މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފް ކުރުމަށްވެސް ނިންމަވާފަ އެވެ. އަދި މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ވަނަދުވަހާއި ހަމަޔަށް ވަނީ ހުޅުވާލާފަ އެވެ. މިއެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަށް މިއެވޯޑަށް އެދި ހުށަހަޅާ ސީވީއާއި ލިޔެކިޔުންތައް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.
މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދޭ އެވޯޑެއް ކަމަށެވެ. އެމްއެމއޭއިން ހާމަކުރި ގޮތުގައި މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި ޖުމްލަ 7 އެވޯޑު ދިނުމަށް ހަމަޖެހިފައިވެ އެވެ.
އެއީ މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ހާއްސަ އަހައްމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ މާލީ ބައިވެރިވުން އިތުރު ކުރުމާއި، މާލީ ހޭލުންތެރިކަން އިތުރު ކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރު ކުރުމުގެ އިތުރުން ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުންނެވެ.އެމްއެމްއޭގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ހިދުމަތްތަކެއް ދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއޭއިން ބުނީ މި އެވޯޑް ދިނުން އޮންނާނީ މި އަންނަ މަހުގެ 1 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ.






