logoEN
WAMCO TOP 1
ހުއްދަ ނެތި މުޒާހަރާކުރެވޭނީ ހޯމްލޭންޑުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އެކަނި، އެނޫންތަނެއްގައި މުޒާހަރާކުރަން ފުރުސަތު ނުދޭނަން - ފުލުހުން

ހުއްދަ ނެތި މުޒާހަރާކުރެވޭނީ ހޯމްލޭންޑުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އެކަނި، އެނޫންތަނެއްގައި މުޒާހަރާކުރަން ފުރުސަތު ނުދޭނަން - ފުލުހުން

އަހުމަދު ޝުރާއު

logo

5/14/2026, 7:28:35 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލޭގައި މުޒާހަރާ ކުރެވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ, ލޭބަރ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށާއި އެނޫން ސަރަހައްދުތަކުގައި މުޒާހަރާކުރާނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

THE TRAVELLER AD

މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފެށިފައިވާ ދަނޑިވަޅެއްގައި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި، "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" (ގާނޫނު ނަންބަރު 1/2013) އާއި އެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގެ (ގާނޫނު ނަންބަރު 20/2016) ދަށުން ލިބިދީފައިވާ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި، ގާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދިނުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް ދެމިއޮންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ނަމަވެސް މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން، ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިމެންދާކަމަށާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކުރަންޖެހޭ ކަމަށާއި އެހެންކަމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މި އަސާސީ ހައްގުގެ ބޭނުންހިފުމުގައި، އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް އިލްތިމާސްކުރާ ކަމުގައި ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފުލުހުން ލިޔުމުން ދޭ ހުއްދައެއް ނެތި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ, ލޭބަރ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނިކަން ފުލުހުން ވަނީ ފާހަގަކޮށްފައި އެވެ.

ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި އަދި ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން އަޅަމުންދާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައި އެވެ.

ފުލުހުންގެ ބަޔާނު ނިންމާލަމުން ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވީހިނދު، އެފަދަ އެއްވުންތައް ކުރިއަށްގެންދަންވާނީ، ރައްޔިތުންގެ ސަލާމަތާއި، އަދި އެހެނިހެން ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަމަށް އިހުތިރާމުކުރެވޭ ފަދަ ސުލްހަވެރި މާހައުލެއްގައިކަން ފާހަގަކޮށްފައެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން، އެފަދަ އެއްވުންތަކާއި ހިނގާލުންތައް ކުރިއަށްދާ ސަރަހައްދުތަކުގެ މަގުތައް ބެލެހެއްޓުމާއި، ބޭނުންވާ އެންމެހައި ސަލާމަތީ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދީފައި އެވެ.

ކޮމެންޓް
ފަހުގެ
HDC