logoEN
WAMCO TOP 1
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

އަހުމަދު ޝުރާއު

logo

5/14/2026, 4:13:39 PM

# ރައީސް މުއިއްޒު

-

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބިލު ފާސްކުރައްވާފައިވަނީ، 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.

މި ބިލަށް ގެނެވުނު މައިގަނޑު އިޞްލާޙުގެ ތެރޭގައި ހިމެނެނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.

އެގޮތުން، ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމުގައްޔާއި، މުވައްޒަފުންނާ ގުޅޭ އެނޫންވެސް ކަންކަމުގައި، ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމަށް ވަނީ އިޞްލާޙްގައި ބަޔާންކޮށްފައެވެ. އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން، މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންވާނެކަމަށް އިޞްލާޙުގައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވައިލައި، ފާސްކުރުމަށް ޓަކައި ސިވިލް ސަރވިސް ކޮމިޝަނަށް އޮތޯރިޓީން ހުށަހަޅަންވާނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުން 15 ދުވަހުގެ ތެރޭގައި އޮނިގަނޑު ފާސްކުރުމަށް، އަދި އެ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅައި ނިންމަންވާނެކަމަށް ވެސް މި ބިލަށް ހުށަހެޅުނު އިޞްލާޙުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުންވެސް ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވަނީ ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި ހިމަނާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

ކޮމެންޓް
ފަހުގެ
HDC