
ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ ވީއައިއޭގެ ދައުރު ވަރުގަދަކުރަން މަސައްކަތް އެބަކުރެވޭ - ޝަރީފް
# އެމްއޭސީއެލް-
ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ދައުރު ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ހާމަކުރައްވައިފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް"ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، "ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން، ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެމްއޭސީއެލްއިން ހިންގާ ވިޔަފާރީގެ އެކިއެކި ދާއިރާތަކާއި ކާގޯގެ ޚިދުމަތްތައް ހިމެނޭހެން އޮޕަރޭޝަނަލް ދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަކަން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ފާހަގަކުރެއްވިއެވެ.
މި ކުރިއެރުންތަކާއެކު ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، ކާގޯގެ ޚިދުމަތް ފުޅާކުރުމަށާއި ފަސިންޖަރުންގެ ހިތްހަމަޖެހުމާއި ފަސޭހަކަމަށް ބޭނުންވާ އިތުރު އުމްރާނީ މަސައްކަތްތައް ހިންގުމަށް އެމްއޭސީއެލް އިން އިތުރު ޕްލޭންތައް ހަދަމުން އަންނަކަންވެސް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެއަރޕޯޓްގެ ހިންގުން ހަރުދަނާކުރުމަށާއި ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ތެރޭގައި ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް، ޑިޖިޓަލް ވޭފައިންޑިންގ، ބަޔޯމެޓްރިކް ފެސިލިޓޭޝަން، ސްމާޓް ސެކިއުރިޓީ ސްކްރީނިންގ އަދި މޮބައިލް ބޯޑިން ސޮލިއުޝަންތަކުގެ އަދާހަމަ ހިއްސާކުރެއްވިއެވެ.
އެއަރޕޯޓަށް އާމްދަނީ ލިބޭނެ ތަފާތު އަދި ދެމެހެއްޓެނިވި މޮޑެލްއެއް ބިނާކުރުމުގެ މަޤްޞަދުގައި ލައުންޖްތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ޚިދުމަތްތައް އިޝްތިހާރުކުރުން އަދި ޑިޖިޓަލް ޚިދުމަތްތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރުކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ.
ބައިނަލްއަޤުވާމީ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ދުނިޔޭގެ ކަންކޮޅުތަކާއި ރާއްޖެ ގުޅާލުމަށްޓަކައި އެކިއެކި އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއެކު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ފާހަގަކުރެއްވިއެވެ.
އުމްރާނީގޮތުންނާއި، ރޫޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއަށް ގެންދަން އިސްކަންދޭ މަސައްކަތްތަކާއެކު، ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދުގެ ވާހަކަފުޅުގައި ވަނީ އަރުވާފައެވެ.
ގުޅުންހުރި

ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ ވީއައިއޭގެ ދައުރު ވަރުގަދަކުރަން މަސައްކަތް އެބަކުރެވޭ - ޝަރީފް

ދިވެހި ހައްޖާޖީންނަށް ވީއައިއޭއިން މިއަހަރުވެސް ޚާއްސަ އިންތިޒާމުތަކެއް!

ހައްޖާޖީން ފުރާ ދުވަސްތަކުގައި އެއާޕޯޓު ބާރުބޮޑުވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި




